ދިވެހިރާއްޖެއިން، އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ "ސަމޯއާ އެގްރީމަންޓް" ގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުން ލަފާދެއްވުމުންނެވެ. އެގޮތުން، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވަނީ މިކަމާ ބެހޭގޮތުން ކަރުދާހެއް ކެބިނެޓަށް ހުށަހަޅުއްވާފައެވެ.

Ad
rt

"ސަމޯއާ އެގްރީމަންޓް" އަކީ ކުރިއަށް އޮތް 20 އަހަރަށް އީ.ޔޫ. – އޯ.އޭ.ސީ.ޕީ.އެސް. ގުޅުމުގެ މައިގަނޑު 6 ދާއިރާއަކަށް ބިނާވެފައިވާ ޤާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ. މި މައިގަނޑު 6 ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީއެވެ.

މި އެގްރީމެންޓުގައި ބައިވެރިވެ، އޯ.އޭ.ސީ.ޕީ.އެސް. ގެ ފުރިހަމަ މެންބަރަކަށް ވުމުން ޔޫރަޕްގެ އިއްތިޙާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުޞަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެއެވެ. އެގޮތުން، ދިވެހިރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވުންވެސް މި ފަސޭހަތަކުގެ ތެރޭގައި ހިމެނޭނެއެވެ.