ދިވެހިރާއްްޖޭގެ ސިއްހީ ނިޒާމް މިހާރު އޮތީ ރައްޔިތުންގެ ނުތަނަވަސްކަން އޮތް، ބޭނުމެއްނެތް ތަކުލީފަކަށް ވެފައިވާ ނިޒާމެއްގެ ގޮތުގައިކަމަށް ދިއްދޫދާއިރާގެ މެންބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ.

ލަތީފް މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ހުށަހަޅުއްވާފައިވާ، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މި ބިލުގެ ބަހުސްގައި ލަތީފް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމާމެދު ދިވެހިން ޤަބޫލުކުރަނީ އެއަކީ އެހާ ހިތްހަމަޖެހޭ ނިޒާަަމެއް ނޫންކަމަށެވެ. އަދި އެ ނިޒާމުގެ ބަލިކަށިކަން ދިވެހިރައްޔިތުންނަށް އިނގޭކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

''އަޅުގަނޑުގެ ދާއިރާ ދިއްދޫގެ 5 ހާސް އާބާދީ، އަޅުގަނޑުގެ އަތޮޅުހއ. އަތޮޅު ނުވަތަ ތިލަދުންމަތީ އުތުރުބުރީގެ ގާތްގަނޑަކަށް، 22، 27 ހާސް ރައްޔިތުން އެބަތިބި، ސިއްހީ ނިޒާމް އޮތީ ވަރަށް ދަށްކޮށް، އަތޮޅު ހޮސްޕިޓަލެއް ހުރޭ، ހެލްތު ޕޯސްޓަަކަށް ހުރިއިރުވެސް، ސިއްހީ މަރުކަޒަކަށް ހުރިއިރު ވެސް ހަމައެތަން، އެ އިމާރާތް، އެ ޚިދުމަތްދޭން ތިބި މީހުން، ބަދަލެއް ނާދޭ،'' ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، އޭގެ މާނައަކީ، އެތަން ރައްޔިތުންއެދޭ ގޮތަށް ތަރައްގީވެފައި ނެތްކަން ކަމަށާއި، ނަރުހުންނާއި، ޑޮކްޓަރުންނާއި ރަނގަޅު ސިއްހީ ޚިދުމަތަށް އެދި އާދޭސް ކުރިނަމަވެސް އެ ޚިދުމަތްތައް އެތަނުން ލިބެންކަމަށެވެ.

''އަޅުގަނޑުމެން އާދޭސް މިކުރަނީ ޑޮކްޓަރުން އިތުރުކޮށްދޭށޭ، ނަރުހުން އިތުރުކޮށްދޭށޭ، ޚިދުމަތްތައް ރަނގަޅުކޮށްދޭށޭ، ފުޅާކޮށްދޭށޭ، 22، 27 ހާސް ރައްޔިތުން ޚިދުމަތް ހޯދަން އޮތް އަތޮޅު ހޮސްޕިޓަލްގެ ވާހަކަ މިދައްކަނީ، ސިއްހީ ނިޒާމް އޮތީ އެހާ ބަލިކަށިކޮށް،'' ރާއްޖޭގެ ސިއްހީ ނިޒާމް އޮތްގޮތް ސިފަކުރައްވަމުން ލަތީފް ވިދާޅުވިއެވެ.

ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގައި ވެސް މި މައްސަލަ އިންތިހާއަށް އޮތް ކަމަށާއި، ސިއްހީ ޚިދުމަތް ނުލިބިގެން، ނަރުހުން ނެތިގެން، ޑޮކްޓަރުން ނެތިގެން، ބެސް ނުލިބިގެން ކޮންމެސް ހައްލެއް ހޯދައިދިނުމަށް އެދި ދުވާލަކަށް 15 ނުވަތަ 20 އަށް ކޯލް ރައްޔިތުންގެ ކިބައިން ނާންނަ ހަމަ އެންމެ ދުވަހެއްނުދާކަމަށް ލަތީފް ވިދާޅުވިއެވެ.

''10 ނޫނީ 15 ނޫނީ 20 ކޯލް ނާންނަ އެންމެ ދުވަހެއްވެސްނުދޭ ކޮންމެސް ކަމެއްކޮށްދޭށޭ ކިޔާފަ، ބޭހެއްނެތޭ، ޑޮކްޓަރުންނެއްނެތޭ، ޚިދުމަތްތަކެއް ނުލިބެޔޭ، މިތަން މި ކީއްކުރާ ތަނެއްހޭ، މިތަން ބަންދުކުރަންވީނޫންހޭ'' ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި، އެހެން އެކަން އޮތްނަމަވެސް އަހަރަކު 5 ބިލިއަން ރުފިޔާ ސިއްހީކަންކަމަށް ޚަރަދުކުރާކަމަށް ބަޖެޓުން ދައްކައެވެ. އެއީ ރާއްޖޭގެ އާބާދީއަށް ބަލާއިރު ''ވަގުތީ ހިސާބެއް ޖަހައިފިނަމަ ބޮލަކަށް 150،000 ރުފިޔާވަރު ޖެހޭވަރުގެ އަދަދެއް'' ކަމަށް ލަތީފް ވިދާޅުވިއެވެ. އަދި އެވަރަށް ޚަރަދުކޮށްގެން ރައްޔިތުންނަށް އެ ޚަރަދާއި އެއްވަރަށް ޚިދުމަތް ލިބޭތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

''މިއީ އެހާ ބަލިކަށި ނިޒާމެއް، ރައްޔިތުން ހިތްހަމަނުޖެހޭ، ނުތަނަވަސްކަން އޮތް ނިޒާމެއް، ބޭނުމެއް ނިޒާމެއް، ކިރިޔާ ކަމެއްވާއިރަށް ދުއްވައިގަންނަން މިޖެހެނީ އިންޑިއާ އަށް ފަރުވާ ހޯދަން، ދެން ގުޅަންފެށީ މެންބަރުންނަށް ބޭރަށް ދެވޭތޯ، އާސަންދަ ލިބޭތޯ، އެންސްޕާ ލިބޭތޯ މެންބަރުންގެ ޖީބުން އެއްޗެއް ލިބޭތޯ'' ލަތީފް އިތުރަށް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމް ރަނގަޅު ނުވުމަކީ ދިވެހި ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް، އުނދަގުލަކަށްވެފައި އޮތްކަމެއް ކަމަށާއި، ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި މި ނިޒާމް ރަނގަޅުވެ، ތަރައްގީވެގެން ދާނެކަމަށް ޔަޤީންކުރަށްވާކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ.