ގދ. ފިޔޯރީން އުމުރުން އަށް އަހަރުގެ އަންހެން ކުއްޖެއް ގެއްލިގެން މިއަދު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ފިޔޯރީން އަށް އަހަރުގެ އަންހެން ކުއްޖެއް ގެއްލިގެން މިރޭ 19:08 ހާއިރު އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެކުއްޖާ އެންމެފަހުން ފެނިފައި ވަނި ހަވީރު 17:00 ހާއިރު ގެއިން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެހެންވެ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
''ފިޔޯރީ އެމްވީ'' ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ އެރަށު ފިނިވިލާގެ، މަރިޔަމް މީނާލް މުޙައްމަދު އެވެ.
އެކުއްޖާ ފެނޭތޯ އެރަށުގެ ވީހާވެސް ގިނަ މީހުން މަސައްކަތްކޮށްދިނުމަކީ އެރަށު ކައުންސިލާއި އާއިލާގެ ވަރަށް ބޮޑު އެދުމެއްކަމަށް އެ ޕޭޖުގައި ބުނެފައި ވެއެވެ. އަދި އެ ކުއްޖާގެ ޚަބަރެއްވެއްޖެނަމަ އެ ކުއްޖާގެ ބައްޕަ މުހައްމަދު ރަޝީދު، ފޯނު: 7574670 އަށް ގުޅައިދިނުމަށް ވެސް އެ ޕޭޖުގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!