މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ސައޫދީ އަރަބިއްޔާ އަށް ދަތުރުކުރި ޙައްޖާޖީންނަށް އެ ޤައުމުގެ ސަރުކާރުން ހަމަޖައްސަވައިދެއްވާފައި ވަނީ ވަރަށް ފުރިހަމަ އިންތިޒާމުތަކެއްކަން ފާހަގަކުރަށްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

ހައްޖުގެ އިންތިޒާމުތައް ވަރަށް ފުރިހަމަކަން ބަޔާން ކުރަށްވައި ސައޫދީ ސަރުކާރަށް ރައީސް ޝުކުރު އަދާކުރަށްވާފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

Ad
rt

މި ސިޓީފުޅުގައި ޙައްޖުގެ މަތިވެރި އަޅުކަމުގެ ދުވަސްވަރަކީ މުސްލިމު އުންމަތުގެ މެދުގައި އޯގާތެރިކަމާއި ދީލަތިކަމާއި އެއްބައިވަންތަކަން އާލާވެގެންދާ ދުވަސްވަރެއްކަމުގައި ލެއްވުމަށް ރައީސް ވަނީ ދުޢާ ދަންނަވާފައެވެ.

މީގެ އިތުރުން މުސްލިމު އުންމަތަށް ޞުލްޙަމަސަލަސްކަމާއި އުފާވެރިކަން ފާގަތިކަން އިތުރުދެއްވުން އެދިވަޑައިގެން ވެސް ދުޢާ ދަންނަވާފައިވެއެވެ.

މި ސިޓީފުޅުގައި ރައީސް މުޢިއްޒު ވަނީ، އަޟްޙާ ޢީދުގެ މުނާސަބާގެ ތަހުނިޔާއާ ހެޔޮއެދުންތައް ސަޢޫދީ ވަލީއަޙްދާއި ސަޢޫދީ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް ފޮނުވާފައިވެއެވެ.

ރައީސް ޑރ. މުޢިއްޒުގެ މި ސިޓީފުޅުގައި ސަޢޫދީ އަރަބިއްޔާގެ ރައްޔިތުންނަށް އުފާފާގަތިކަމާ އަދި ސަޢޫދީ ވަލީއަޙްދަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގެންފައި ވެއެވެ.

ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން އިއްޔެ އާންމު ކުރި މިއަހަރުގެ ހައްޖުގެ ތަފާސް ހިސާބުގައިވާގޮތުން މިއަހަރު 1،833،164 މީހުން ވަނީ ހައްޖުގެ އަޅުކަން ފުރިހަމަކުރުމުގައި ބައިވެރިވެފައެވެ.

ހައްޖުގެ އަޅުކަމަށް އަހަރަކަށް ސައޫދީން ރާއްޖެ އަށް ދޫކުރަނީ ރަސްމީ 1000 ކޯޓާއެވެ.