އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށާއި، ދިވެހި ސަރުކާރަށާއި އަދި ދިވެހިންނަށް ބޮޑު ޢީދު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އިއްޔެ ހަވީރު ފަސްގަޑި ބައިހާއިރު އާންމުކުރި ބަޔާނެއްގައި ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ ރާއްޖޭގެ ރައީސް ޑރ. މުޢިއްޒު އަށާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންނަށް ބޮޑު ޢީދުގެ ތަހުނިޔާ ވިދާޅުވެފައިވާ ކަމަށް ބުނެފައެވެ.
މި ބަޔާނުގައި މޯދީގެ މެސެޖުގެ ގޮތުގައި ބުނެފައި ވަނީ މިއަހަރުގެ ބަރަކާތްތެރި އަޟްހާ ޢީދުގެ މުނާސަބަތުގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ ރާއްޖޭގެ ރައީސް ޑރ. މުޢިއްޒު އަށާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންނަށް ވެސް ތަހުނިޔާ ދަންނަވައި ހެޔޮ އެދުންތައް ފޮނުއްވާފައިވާ ކަމަށެވެ.
މި މެސެޖުގައި މޯދީ ވިދާޅުވެފައި ވަނީ މި އުފާވެރި ޢީދު ދުވަހު ހަނދާނަށް ގެނެސްދެނީ އަޅުގަނޑުމެން އެންމެން އުއްމީދުކުރާ ސުލްހަވެރި ދުނިޔެއެއް ބިނާކުރުމަށް ބޭނުންތެރި އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށެވެ.
މި އީދު ދުވަހަކީ އިންޑިއާގައި އޮތް ތަފާތު ސަގާފަތްތައް ހިމެނޭ ތަރިކައިގެ ތެރެއިން ފޯރިއާއި އުފާވެރިކަމާއެކު ފާހަގަކުރެވޭ ދުވަހެއްކަމަށް ވެސް މޯދީގެ މެސެޖުގައި ވަނީ ފާހަގަ ކުރަށްވާފައެވެ.
އިންޑިއާ އާއި މި ސަރުކާރުގެ ގުޅުން އެހާ ރަނގަޅު ނޫންކަމަށް ބެލެވިފައި އޮއްވައި، މޯދީ ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް މޯދީ ވަނީ ރައީސް މުޢިއްޒަށް ދަޢުވަތު ދެއްވާފައެވެ. ރައީސް މުޢިއްޒު 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް އިންޑިއާ އިން ފޮނުވީ އެ ޤައުމުގެ ސައިންސް މިނިސްޓަރެވެ. ނަމަވެސް މޯދީގެ ދައުވަތަށް ރައީސް މުޢިއްޒު އާއި ދިވެހި ސަރުކާރުގެ އިސް ވަފުދެއް ވަނީ މި ޖޫން 9 ވަނަ ދުވަހު އޮތް މޯދީގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް އިންޑިއާ އަށް ވަޑައިގެން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ދަތުރުފުޅަށްފަހު ރާއްޖެވަޑައިގެން ދެއްވި ބަސްދީގަތުމެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ އިންޑިއާ އާއި ދިވެހިރާއްޖެ ގުޅުމުގެތެރެއިން ފަހިވެގެންދާނީ ރާއްޖެއަށް އެންމެ ރަނގަޅުގޮތް ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުމުގެ ތެރެއިން ރަނގަޅު ކަންތައްތަކެއް ރާއްޖެއަށް ފަހިވެގެންދާނެ ކަމަށާއި، ކުރިއަށް އޮތްތާނގައި ދެޤައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށްވުރެ ވެސް ރަނގަޅުވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!