ބޮޑު ޢީދުގެ އުފާ އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު، މާތް ނަބިއްޔާ، رسول الله صلى الله عليه وسلم އަށް ﷲ تَعَالَىގެ އިރުޝާދުގައިވާ ގޮތަށް، އިސްލާމްދީނުގެ އުޞޫލުތަކަށް ތަބާވެ، ދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި، އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖޭކަމަށް މިއަދުގެ ޢީދު ޚުޠުބާގައި ބުނެފިއެވެ.
ޚުޠުބާގައި ބުނެފައި ވަނީ މާތްވެގެންވާ އަޟުޙާ ޢީދު ދުވަސް މި އަންނަނީ ހިތްތަކަށް އުފާވެރިކަން އިޢާދަކުރަމުން ކަމަށެވެ. އަދި މިއީ މިއީ ކެއުމާއި ބުއިމާއި އުފާ ފާޅުކުރުމުގެ ދުވަސްކަން ބަޔާންކޮށް رسول الله صلى الله عليه وسلم އަންނަނިވި ޙަދީޘް ޚުޠުބާގައި ވަނީ ގެނެސްފައެވެ. އެ ހަދީޘްފުޅަކީ، (إِنَّ يَوْمَ عَرَفَةَ وَيَوْمَ النَّحْرِ وَأَيَّامَ التَّشْرِيْقِ عِيْدُنَا أَهْلَ الْإِسْلَامِ، وَهِيَ أَيَّامُ أَكْلٍ وَشُرْبٍ) މާނައީ: "ހަމަކަށަވަރުން ޢަރަފާތްދުވަހާއި، ޤުރްބާންކުރާ ދުވަހާއި، (އެބަހީ އަޟުޙާ ޢީދު ދުވަހާއި)، އަދި އައްޔާމުއްތަޝްރީޤުގެ ތިން ދުވަހަކީ، އަހަރެމެން އިސްލާމްދީނުގެ އަހުލުވެރީންގެ ޢީދެވެ. އަދި އެއީ ކެއުމާއި ބުއިމުގެ ދުވަސްވަރެކެވެ." رواه النسائي (3004)
ޚުޠުބާގައި ބުނީ رسول الله صلى الله عليه وسلم ގެ މި އިރުޝާދުގައިވާ ގޮތަށް، އަހަރެމެން މުސްލިމުން އުފާ ފާޅުކުރާ އިރު، އިސްލާމްދީނުގެ އުޞޫލުތަކަށް ތަބަޢަވާން ޖެހޭނެ ކަމަށެވެ. އަދި ދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި، އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖެހޭނެ ކަމަށެވެ.
އަޅުގަނޑުމެންނަކީ މާތް ﷲ އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްތެރިކަން ދެއްވައިފައިވާ ބަޔެއްކަމަށް ބަޔާންކޮށް، "ފަހެ ހަމަކަށަވަރުން އަހަރެމެންވީ އެންމެ ދެރަ ނިކަމެތީންގެ ގޮތުގައެވެ. ދެން ފަހެ މާތް ﷲ އަހަރެންނަށް އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްދެއްވިއެވެ. ފަހެ މާތް ﷲ އަހަރެމެންނަށް ޢިއްޒަތްތެރިކަން ދެއްވި ކަންތައް ފިޔަވައި އެހެން ކަމަކުން އަހަރެމެން ޢިއްޒަތް ހޯދަން އުޅެފި ނަމަ، މާތް ﷲ އަހަރެމެން ނިކަމެތިކުރައްވާނެކަން ދަންނާށެވެ!" މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ މި ވިދާޅުވުން ޚުޠުބާގައި ވަނީ ގެނެސްފައެވެ.
ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި އިސްލާމްދީނަކީ ޢިއްޒަތްތެރިކަން ލިބިގެންވާ ދީނެއް ނަމަވެސް، މިއަދު އަޅުގަނޑުމެން މުސްލިމުން މި ވަނީ ވަރަށް ނިކަމެތިވެފައެވެ. މި ކަން އެންމެ ބޮޑަށް ދޭހަކޮށްދޭ އެއް ކަމަކީ، ފަލަސްޠީނުގެ ރަފަޙާއި، ޣައްޒާއާއި، އެހެނިހެން ބިންތަކަށް ޞަހުޔޫނީން ވެރިވެގަނެފައިވީ ހިނދު ވެސް، މުސްލިމުންގެ މި ބޮޑު އުންމަތް، އެ ލޮބުވެތި އަޚުންނާއި އުޚުތުން ހިމާޔަތްކުރުމަށް ނުކުޅެދިފައިވުން ކަމަށް ޚުޠުބާގައިވަނީ ބުނެފައެވެ.
''މި އުންމަތުގެ މީސްތަކުންގެ ޢަދަދާއި ޤުދުރަތީ ވަސީލަތްތައް ގިނަވެފައިވީ ނަމަވެސް މެއެވެ. އެހެންކަމުން މި މަތިވެރި ދުވަހުގައި، އުންމަތް ބިނާކުރުމަށް އަހަރެމެން ޢަޒުމްކަނޑައަޅަމާ ހިނގާށެވެ! ޢިލްމާއި ތަޢުލީމު ކުރިއެރުވުމުގައި، ކުރިއަރައިދިޔުމަށް މަސައްކަތްކުރަމާ ހިނގާށެވެ! ފަންނިއްޔަތާއި ފަންނުވެރިކަމުގައި، ހުނަރުވެރިވަމާ ހިނގާށެވެ! މާތް ﷲ އާއި ރަސޫލާ ޞއވ.ގެ ޢަދުއްވުން، އިސްލާމްދީނާ ދެކޮޅަށް ރާވާ މަކަރުވެރި ރޭވުންތަކާ ދެކޮޅަށް، އެއްބައިވަންތަކަމާ އެކު، ކުރިމަތިލަމާ ހިނގާށެވެ! ފަހެ މި އުންމަތަކީ އިންސާނިއްޔަތަށް އެތައް ގިނަގުނަ ޢިލްމާއި، ފަންނުވެރިކަމާއި، ހެވެއް ފޯރުކޮށްދިން ޝަރަފުވެރި އުންމަތެކެވެ.'' ޚުޠުބާގައި ބަޔާންކޮށްފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!