ފެނުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަށް ގަވައިދުން ބިލް ދައްކަމުން ދަނިކޮށް، ގޭގެ ވެރިފަރާތުގެ އެދުމުގެ މަތިން ފެން މީޓަރުގައި ތަޅު އަޅުވައި ފެނުގެ ހިދުމަތް ކަނޑާލާ މައްސަލަތަކެއް ހުށަހަޅަމުންދާ ކަމަށް އެޗްއާރުސީއެމުން އިއްޔެ ބުނެފިއެވެ.
އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އަސާސީ ހައްގުތަކަކީ ގާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެއްވެސް ތަފާތު ކުރުމެއް ނެތި ކޮންމެ މީހަކަށް ލިބިގެންވާ ހައްގުތަކެއް ކަމަށެވެ.
މިފަހަކަށް އައިސް އެޗްއާރުސީއެމްގެ ގާނޫނުގެ ދަށުން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، ފެނުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަށް ގަވައިދުން ބިލް ދައްކަމުން ދަނިކޮށް ގޭގެ ވެރިފަރާތުގެ އެދުމުގެ މަތިން ފެން މީޓަރުގައި ކުންފުނީގެ ފަރާތުން ތަޅު އެޅުވުމުގެ މައްސަލަ އާއި ފެނުގެ ހިދުމަތްދޭ ކުންފުންޏަށް އެންގުމަކާ ނުލައި ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅު އަޅުވައި ފެނުގެ ހިދުމަތް ކަނޑާލުމުގެ މައްސަލަތައް ކޮމިޝަނަށް ހުށަހަޅަމުންދާ ކަމަށެވެ.
މިފަދަ މައްސަލަތައް އެޗްއާރުސީއެމުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ ކޮމިޝަނަށް ހުށަހަޅާ މިފަދަ މައްސަލަތަކުގައި މައްސަލައިގައި ޝާމިލްވާ ފަރާތްތަކާ އަދި ގުޅުން ހުރި އިދާރާތަކާ އެކުގައި މަޝްވަރާކޮށްގެން ބައެއް މައްސަލަތަކުގައި ހައްލު ހޯދައި ދެވިފައިވާ ކަމަށެވެ.
"ފެނުގެ ހިދުމަތް ކަނޑާލުމުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭހެން އެ ގެއެއްގައި ނުވަތަ ގޭބިސީގައި ދިރިއުޅެމުންދާ އެންމެހާ ފަރާތްތަކަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރުމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަމެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މެނުވީ އެއްވެސް ހައްގެއް އެއްވެސް މިންވަރަކަށް ނުހިފެހެއްޓޭނެ ކަމުގައި ދަންނަވަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ.
އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ އާންމު ފަރުދުންގެ މެދުގައި އާއި އާންމު ފަރުދުންނާއި އިދާރާތަކާ މެދުގައި ދިމާވާ މައްސަލަތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ގުޅުން ހުރި އިދާރާއަކަށް އެ މައްސަލައެއް ހުށަހެޅުމަށާއި ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!