ދިވެހިރާއްޖޭގެ އާބާދީގެ 3 އިންސައްތަ މީހުން ގަވާއިދުން ދަރުމައަށް ލޭ ހަދިޔާ ކުރާނަމަ ރާއްޖޭގައި ލޭގެ ބޭނުންޖެހޭ މީހުންނަށް ބޭނުންވާ މިންވަރަށް ލޭ ލިބޭ ކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެފިއެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 14 ވަނަ ދުވަހަކީ، ބައިނަލް އަޤުވާމީ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.

Ad
rt

މިއަދާއި ގުޅުވައިގެން ސިއްހަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖެއަކީ ނިސްބަތުން ތެލަސީމިއާ ޕޭޝަންޓުން ގިނަ ގައުމަކަށްވާއިރު، ދިވެހިރާއްޖޭގައި ލޭ ބޭނުންވާ މިންވަރުވެސް އެހެން ގައުމުތަކާއި އަޅާބަލާއިރު އިތުރުކަމަށެވެ.

ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ)އިން އަންދާޒާ ކުރާގޮތުން، އާންމު ގޮތެއްގައި އެ ގައުމެއްގެ އާބާދީގެ 1 އިންސައްތަ މީހުން ގަވައިދުން ދަރުމައަށް އެދި ލޭ ހަދިޔާ ކުރާ ނަމަ، އެ ގައުމަކަށް ބޭނުންވާ މިންވަރަށް ލޭ ލިބޭނެ ކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުންޏެވެ. އަދި ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާ އިން ދިވެހިރާއްޖެއަށް މިނިސްބަތް ވަނީ 3 އިންސައްތައަށް މަތިކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ލޭގެ ގާތްގަޑަކަށް 70 އިންސައްތަ ބޭނުންކުރެވެނީ ތެލެސީމިއާ ޕޭޝަންޓުންނަށްކަމަށްވާއިރު، ރާއްޖޭގައި އާންމުގޮތެއްގައި ލޭ ހަދިޔާކޮށް އުޅެނީ، ހިލޭސާބަހަށް އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރާ ޑޯނަރުންނާއި، ވަކިމީހަކަށް ދިނުމުގެ ގޮތުން ލޭ ހަދިޔާ ކުރާ ޑޯނަރުން އަދި އެކި މުއައްސަސާތަކުން ހިންގާ ލޭ ހަދިޔާކުރުމުގެ ކޭންޕްތަކުގައި ލޭ ހަދިޔާ ކުރާ ޑޯނަރުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

2022 ވަނަ އަހަރުން ފެށިގެން މި ހިސާބަށް ލޭގެ ސްޓޮކެއް ގާއިމުކޮށް ލޯ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން 2022 ވަނަ އަހަރުގެ ތެރޭގައި 53 ބްލަޑް ކޭމްޕް ބޭއްވިފައިވާ ކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުންޏެވެ. 2023 ވަނަ 62 ބްލަޑް ކޭމްޕް ބޭއްވިފައިވާއިރު، މިއީ 2022 ވަނަ އަހަރާއި އަޅާ ބަލާއިރު 17 އިންސައްތަ އިތުރު އަދަދެއްކަން އެ ވުޒާރާއިން ފާހަގަކޮށްފަވެއެވެ.

2024 ވަނަ އަހަރަކީ މޯލްޑިވައަން ބްލަޑް ސަރވިސަސްގައި ނެގޭ ބްލަޑް އިތުރު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވި އަހަރަކަށްވުމާއެކު އަދި ޚާއްސަކޮށް ލޭ އިތުރުކުރުމަށް ހިންގޭ ހަރަކާތް އިތުރުކުރުމަށް ކެބިނެޓުން ފާސްކޮށްފައިވާތީ، މި މަސައްކަތް އިތުރަށް ހަރުދަނާ ކުރެވުނުކަމަށާއި، މިގޮތުން ސިވިލް ސޮސައިޓީތަކާއި ޖަމާއަތްތަކާއި ކްލަބްތައް ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި 2024 ވަނަ އަހަރު ފުރަތަމަ 5 މަސްދުވަހުގެ ތެރޭގައި 27 ބްލަޑް ކޭމްޕް ބޭއްވިފައިވާކަމަށް ވެސް ސިއްހަތާބެހޭ ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގެ 5 ސަރަހައްދެއްގައި ބްލަޑް ބޭންކް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން ވެސް ސިއްހަތާބެހޭ ވިޒާރާއިން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ހދ. ކުޅުދުއްފުށި އަދި ރ. އުނގޫފާރުގައި މިއަހަރު ގާއިމްކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ބައިނަލް އަޤުވާމީ ލޭ ހަދިޔާ ކުރާ މީހުންގެ މިދުވަސް ދުނިޔޭގެ ފެންވަރުގަ ފާހަގަ ކުރެވުމުގެ ބޭނުމަކީ މީހުންގެތެރޭގައި ލޭ ހަދިޔާކުރުމަށް ހޭލުންތެރިކަން އިތުރުކުރުމާއި، އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް ޝުކުރު އަދާކުރުމެވެ.

މިއަހަރު ބައިނަލް އަޤުވާމީ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ޝިއާރަކީ: ''Share life Give blood''