ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސް ނަގައިގެން ބައެއް މީޑިއާތަކާ ގުޅިގެން އިއްޔެ ފެށި ހާއްސަ ޓެލެތޯނުގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭ ވަގުތު މިއަދު ހަވީރު 06:00 އާއި ހަމައަށް އިތުރުކޮށްފިއެވެ.

"ފަލަސްޠީނާއެކު ދިވެހިން"ގެ ނަމުގައި ފަށާފައިވާ ޓެލެތޯނުގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭ ވަގުތު މިއަދު ހަވީރު 06:00 އާއި ހަމައަށް އިތުރުކޮށްފައިވަނީ ފައިސާ ޓްރާންސްފަރ ކުރުމުގައި އިއްޔެ ހަވީރު ދިމާވި މައްސަލަތަކާއި ގުޅިގެން ގިނަ ބަޔަކު ވަގުތު އިތުރުކުރުމަށް އެދިފައިވާތީ ކަމަށް ޕީއެސްއެމުން ބުންޏެވެ.

Ad
rt

މީގެ އިތުރުން އޭޓީއެމް ނުހުންނަ ރަށްރަށުގެ ކައުންސިލްތަކުން ރައްޔިތުންނާ ގުޅިގެން އެއްކުރި ފައިސާ ޖަމާކުރުމަށް ފުރުޞަތު ދިނުމަކީ ވެސް ވަގުތު އިތުރުކުރި އެއް ސަބަބުކަމަށް ޕީއެސްއެމުން ބުނެއެވެ.

ޕީއެސްއެމްގެ މިނިންމުމާއެކު، މި ޓެލެތޯންގެ ލައިވް ކަވަރޭޖް ރޭ 12:00 ޖެހިއިރު ނިންމާލި ނަމަވެސް ފަލަސްޠީނު ފަނޑަށް އޮންލައިންކޮށް ފައިސާ ޓްރާންސްފަރ ކުރުމުގެ ފުރުޞަތު މިއަދު ހަވީރު 06:00 އާއި ހަމައަށް އޮންނާނެއެވެ.

ޕީއެސްއެމުން ބުނީ މި ފަނޑަށް ރޭ 12:00 ޖެހުމާއި ހަމައަށް 13،133،927ރ. (ތޭރަ މިލިއަން އެއް ލައްކަ ތިރީސް ތިން ހާސް ނުވަސަތޭކަ ހަތަވީސް ރުފިޔާ) ލިބިފައިވާ ކަމަށެވެ. އަދި 33،693.42 ޑޮލަރު ފަނޑަށް ލިބިފައިވާކަން ޕީއެސްއެމުން ވަނީ ހާމަކޮށްފައެވެ. މި އަދަދުތަކަކީ މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި 13 ފަންޑު ފޮށީގެ ތެރެއިން ގިނަ ފަނޑުފޮށިތަކުގައި ހުރި ފައިސާ ރޭ 12:00 ހަމައަށް ގުނާ ނުނިމޭތީ އެފައިސާ ނުހިމަނައި އާންމުކޮށްފައިވާ އަދަދެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ބޭއްވި މި ޓެލެތޯން އިއްޔެ ފައްޓަވައި ދެއްވީ ޓީވީއެމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމަނިކުފާނެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ވަޒީރުންނާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނާއި ޗެއާމަނުންނާއި ސަރުކާރުގެ އިސް ބައެއް މަގާމުތަކުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.