ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ކެއާ ސޮސައިޓީއާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ކެއާ ސޮސައިޓީގެ ފަރާތުން، އެ ވުޒާރާގެ ދަފްތަރުގައި ވަޒީފާގެ ފުރުޞަތު ހޯދުމަށް ނަން ނޯޓުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ ފަރާތްތައް ތަމްރީނުކުރާ ގޮތަށެވެ.
މި ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، މަސައްކަތަށް ބޭނުންވާ އެކި ހުނަރުތައް ދަސްކޮށްދެވޭނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.
''ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވާ، މަސައްކަތުގެ މާޙައުލަށް ނެރުމުގެ މައިގަނޑު އެއް މަޤްޞަދަކީ މިފަދަ ފަރާތްތަކުން އެހެން ފަރާތްތައް ހިތްވަރު ލިބިގަނެ، ކޮންމެ ފަރާތަކީވެސް މުޖުތަމަޢުގައި ބޭނުންތެރި ފަރާތަކަށް ހެދުން'' އެ ވުޒާރާއިން ބުނެފަވެއެވެ.
ކުރިއަށް އޮތް ތަނުގައިވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ފަހި ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް ވެސް އެ ވުޒާރާއިން ބުނެފަވެއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި ކެއާ ސޮސައިޓީއާއެކު މިއަދު ސޮއިކުރި ޕްރޮގްރާމް ކުރިއަށް ގެންދާނީ ދެ މަސް ދުވަހުގެ މުއްދަތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!