ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ޤާއިމުކޮށްފައިވާ ޖިމުގައި ހުރި ތަކެއްޗަށް ކުޑަކުދިން އެރުމަކީ މަނާކަމެއްކަމަށް އެ ކޮމެޓީން ބުނެފިއެވެ.
މި ޖިމަކީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަަށް މަސައްކަތްކުރާ ކޮމެޓީން އެރަށުގައި ފުޅާދާއިރާއެއްގައި ހާޑްވެއާ ވިޔަފާރިކުރާ އަލިރާ ޕްރައިވެޓް ލިމިޓްގެ އެހީތެރިކަމާއެކު ގާއިމުކޮށްފައިވާ ޖިމެކެވެ.
އެ ކޮމެޓީން މިއަދު ބުނީ އެ ކޮމެޓީގެ ފަރާތުން ގާއިމް ކޮށްފައިވާ ޖިމަށް މިހާރަކަށް އައިސް ކުޑަކުދިން ވަދެ އަދި އެތަނުގައި ހުރި ތަކެއްޗަށް އަރަމުން ދާކަން އެ ކޮމެޓީއަށް ފާހަގަ ކުރެވިފައި ކަަމަށެވެ.
''މިތަކެއްޗަކީ ކުދިން އެރުމަށް ހަރުކުރެވިފައިވާ ތަކެތި ނޫން ކަމުން މި ތަކެއްޗަށް ކުދިން އެރުމަކީ މަނާ ކަމެއް ކަމުގައި ދަންނަވަމެވެ.'' އެ ކޮމެޓީން ބުނެފަވެއެވެ.
މި ޖިމް ބޭނުން ކުރާ ފަރާތްތަކުން ތަނުގެ ސާފްތާހިރު ކަމަށް އިސްކަންދިނުމާއި ތަން ސާފްކޮށް ބެލެހެއްޓުމަކީ ވެސް އެ ކޮމެޓީގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެއްކަމަށް ވެސް އެ ކޮމެޓީން ބުނެފަވެއެވެ.
ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެ ކޮމެޓީގެ ކަންކަމުގައި ރަށުގެ އެންމެހާ ފަރާތްތަކުން ދެއްވާ އެއްބާރުލުން ފާހަގަކޮށްފައެވެ.
މި ޖިމް ހުޅުވައި ރަސްމީކޮށް ބޭނުން ކުރަން ފެށުނީ މިއަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!