ކުރިއަށް އޮތް އަޟްހާ އީދު ބަންދުގައި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ދުވަސްތަކާއި ގަޑިތައް މިއަދު އާންމުކޮށްފިއެވެ.
އިމިގްރޭޝަނުން އާންމު ކުރި ޕޯސްޓެއްގައި ބުނީ އީދު ބަންދުގައި، މި މަހު 17 އިން ފެށިގެން 20 އަށް ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އުމުރުން ދުވަސްވީ މީހުންނާއި އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ އޮފީހަށް ހާޒިރުވެ ޕާސްޕޯޓަށް ހުށަހަޅޭނެ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އާ ދެމެދު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން ހަވީރު 4:00 އަށެވެ. ކިއުބީ އެޕް ބޭނުންކޮށްގެން ނުވަތަ އިމިގްރޭޝަންގެ ކައުންޓަރަށް ގޮސްގެން އެ ގަޑިތަކުގައި ކިއު ނެގޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި މިހާރެކޭ އެއްގޮތަށް 9555333 އަށް ގުޅަން އިމިގްރޭޝަނުން އެދެއެވެ.