ދިވެހި ކަނޑުތަކަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިއަދަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހެވެ. މިއަދާއި ގުޅުވައިގެން ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަޙައްދުގެ މުހިންމުކަމާ، އެކަނޑުތަކުގެ ޤުދުރަތީ ނަލަކަމާ، އެކަނޑުތަކުގައިވާ ރޯއްޖާއި ޚަޒާނާތަކަކީ، ދިވެހީންގެ ތިޔާގި އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމަށެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް މިއަދު ފާހަގަކުރާއިރު، ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖޭގެ ސަރަހައްދުގެ %99 އަކީ ކަނޑުގެ ސަރަހައްދެވެ. އަދި ރާއްޖޭގެ އިޤްތިޞާދާއި ގުޅިފައިވާ މުހިންމު ސިނާޢަތްތައް ބަރޯސާވެފައި ވަނީ ވެސް ކަނޑާއި، ކަނޑާއިގުޅޭ މުއްސަނދިކަމުގެ މައްޗަށެވެ.
މިގޮތުން ރާއްޖޭގެ އެންމެ ބިޔަ އިޤްތިޞާދީ ސިނާއަތަކީ ފަތުރުވެރިކަމެވެ. މި ސިނާއަތް ވަނީ ރާއްޖޭގެ ކަނޑުގެ މުއްސަނދިކަމުގެ މައްޗަށް އިންތިހާއަށް ބަރޯސާ ވެފައެވެ. އެއީ ރާއްޖޭގެ އިޤްތިޞާދު ''ރަންބިސްއަޅާ ކުކުޅެވެ.''
މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދުގެ މައި ދެވަނަ ސިނާއަތް، ''ދިވެހިންގެ ލޭނާރު'' ކަމަށްވާ، މަސްވެރިކަމަކީ ވެސް ކަނޑު ރޯއްޖާއި ގުޅިފައިވާ ދިވެހިންގެ އަގުބޮޑު ރައުސްމާލެކެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ރާއްޖޭގައި މީގެކުރިން ފާހަގަނުކުރާހާ ކުލަގަދަކޮށް މިއަހަރު ފާހަގަކުރަމުން އަންނައިރު، މި ދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ވެސް ދަނީ ބާއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!