އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ދައުވަތު އެމަނިކުފާނު ޤަބޫލުފުޅު ކުރައްވައިފިއެވެ.
މޯދީ، އަންނަ އާދިއްތަ ދުވަހު ބޮޑުވަޒީރުކަމުގެ ހުވާ އިތުރު ދައުރަކަށް ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތުގެ ސިޓީ ރައީސް ޑރ. މުއިއްޒަށް އަރުވާފައި ވަނީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެވެ.
މި ރަސްމިއްޔާތުގައި ސަފީރު ވަނީ މޯދީ ތިން ވަނަ ދައުރަކަށް ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަތުމަކީ މޯދީގެ އެދިވަޑައިގަތުމެއްކަމަށް ވިދާޅުވެ، މޯދީގެ ވެދުން ރައީސް އަށް އަރިސްކުރަށްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ، އެ ރަސްމިއްޔާތަށް ދަޢުވަތު އެރުވިކަމަށްޓަކައި ބޮޑުވަޒީރު މޯދީ އަށް ޝުކުރު އަދާކުރައްވައި، މި ތާރީޚީ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގަތް ޝަރަފެއް ކަމަށް ވިދާޅުވެފައެވެ.
މި ދަތުރުފުޅުން ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން ހެޔޮ މިސްރާބަކަށް ދަތުރުކުރަމުންދާކަން ފާހަގަކުރައްވައި، އިންޑިއާއާއެކު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ބޮޑުވަޒީރާއެކު މަސައްކަތް ކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު އަވަށްޓެރި ގައުމުތަކުގެ ވެރިންނަށް މޯދީ ވަނީ ދެއްވައިފަ އެވެ. އޭގެ ތެރޭގައި ރާއްޖެ، ސްރީލަންކާ، ބޫޓާން، ބަންގްލަދޭޝް، ނޭޕާލް، މޮރިޝަސް ފަދަ ގައުމުތައް ހިމެނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!