މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައޫދީއަރަބިއާއިން ގިނަގުނަ ތައްޔާރީތައް ވަމުން އަންނައިރު، އެތައްޔާރީތަކުގެ އެންމެފަހު އަޕްޑޭޓްތައް އާއްމުކޮށްފިއެވެ.

ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައޫދީ އަރަބިއާގެ ހައްޖާއި އުމްރާ މިނިސްޓަރު ޑރ ތައުފީގު އަލް ރާބިއާ ވަނީ ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއިން ވަމުން އަންނަ ބޮޑު ތައްޔާރީތަކާ ބެހޭ މުހިންމު އަޕްޑޭޓްތަކެއް ދެއްވާފަ އެވެ.

Ad
rt

އަލް ރާބިއާ ވިދާޅުވީ މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.2 މިލިއަން ހައްޖުވެރިން ސައުދީއަށް އައިސްފައިވާ ކަމަށެވެ. އަދި ޙައްޖުވެރިންވެސް ޤަވާއިދުތަކަށް ބޯލަނބައި، އެފަރާތްތަކުގެ ތަޖުރިބާ އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދޭންޖެހޭކަމުގައި އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އިތުރަށް އޭނާ ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ މިނިސްޓްރީން ވަނީ އޮޅުވާލައިގެން ހައްޖުގެ އަޅުކަން ހިންގުމާއި އުސޫލާ ހިލާފުވުމުގެ ނުރައްކާތެރިކަން އަންގައިދިނުމުގެ ގޮތުން 20 އަށް ވުރެ ގިނަ ގައުމުތަކުގައި ބައިނަލްއަގުވާމީ ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ފަށައިފަ ކަމަށެވެ. އަދި ހައްޖާއި އުމްރާގެ ނިޒާމުތަކަށް އެހީތެރިވުމަށް ޑޮމެސްޓިކް ގޮތުން 10،000 އަށް ވުރެ ގިނަ ވޮލަންޓިއަރުން މިއަހަރު ދަނީ ބައިވެރިވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޙައްޖުގެ ޚިދުމަތާއި ތަޖުރިބާ އިތުރުކުރުމުގެ މަޤްޞަދުގައި މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފާހަގަކުރައްވާ ޑރ.އަލް ރާބިޢާ ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން 250،000 ހައްޖުވެރިންނަށް އެމީހުންގެ އެކޮމޮޑޭޝަނަށް ލަގެޖް ގެންދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި ކަމަށެވެ. މީގެ އިތުރުން އޮޅުވާލުން ހުއްޓުވުމުގެ ގޮތުން 126 ގައުމެއްގެ ހައްޖުވެރިންނަށް މިހާރު ތިން ވަނަ ފަރާތަކާ ނުލައި އިލެކްޓްރޯނިކް ކޮށް ހައްޖަށް ދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އުމްރާނީ ގޮތުން ވާންޖެހޭ ތައްޔާރީތައް ވެސް ތަފްސީލުކޮށް ދީފައިވާއިރު، އޭގެ ތެރޭގައި ހިއާވެވޭނެ ގޮތާއި ކޫލިން ސިސްޓަމްތަކުގެ އެހީގައި ޖަމަރާތު ބްރިޖްގެ މަސައްކަތް ވެސް ވަނީ ނިމިފައި ކަމަށާއި، ހައްޖުވެރިންގެ ފިނިހޫނުމިން ރެގިއުލޭޓް ކުރުމަށް ރެކޯޑް މުގުރާލާ އެންމެ ބޮޑު އެއާ ކޫލިން ޕްލާންޓެއް ގާއިމްކޮށްފައިވާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މިނާގައި އަލަށް އިމާރާތްކުރާ 11 އިމާރާތަކުން މިއަހަރު އިތުރު 37،000 ހައްޖުވެރިންނަށް އެކޮމަޑޭޝަން ހަމަޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތަމްރީނާއި ހިދުމަތުގެ މިންގަނޑުތަކަކީ ވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭ ދާއިރާއަކަށް ވާއިރު، މަތީ ފެންވަރުގެ ހިދުމަތްތައް ކަށަވަރު ކުރުމަށް ހައްޖު ސާވިސްގައި މަސައްކަތް ކުރާ 120،000 އަށް ވުރެ ގިނަ މުވައްޒަފުން އެކި ބަހުން 2،500 ވޯކްޝޮޕް ކުރިއަށް ގެންދެވި ކަމަށްވެސް ޑރ. ރާބިއާ ވިދާޅުވިއެވެ.

ހައްޖުގެ ދީނީ ސިފައަށް އަލިއަޅުއްވާލައްވަމުން ޑރ.އަލް ރާބިއާ ވިދާޅުވީ އެއީ ހަމައެކަނި އަޅުކަން ކުރުމަށް ކުރާ ކަމެއް ކަމަށާއި ސިޔާސީ އެއްވެސް އަޑެއް އުފުލޭކަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެތެރޭގެ ހައްޖު ކެމްޕެއިންތަކުގެ އަގުތައް މިދިޔަ އަހަރާ އަޅާބަލާއިރު ދަށްކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޮންމެ އަހަރަކުވެސް އެތައް މިލިއަން މުސްލިމުންނަށް މި ދީނީ ވާޖިބު ރައްކާތެރިކަމާއި ފަސޭހަކަމާއެކު އަދާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސައުދީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.