އޮޔަޒަބަލްގެ ހެޓްރިކުން ސްޕެއިން އަށް ބޮޑު މޮޅެއް

photo_2024-06-06_07-16-37

މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސްޕެއިނުން ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ފަސޭހަކަމާއިއެކު އެންޑޯރާ ބަލިކޮށްފިއެވެ. ސްޕެއިނުން އެންޑޯރާގެ މައްޗަށް ކުރި ހޯދީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

ޅަ ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ ސްޕެއިންއަކީ، ޔޫރޯގައި ފެންނާނެ އެންމެ ބެލެންސް އެއް ޓީމެވެ. މުބާރާތުގެ ފޭވަރިޓުން ތެރޭ ސްޕެއިން ހިމެނެއެވެ.

2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕަށް ފަހު އެ ސްޕެއިންގެ ކޯޗުގެ މަގާމުގައި ހުރި ލުއިސް އެންރީކޭ އިސްތިއުފާ ދިނުމާއިއެކު ސްޕއިންގެ ކޯޗަކަށް ހަމަޖެއްސި ލުއިސް ޑި ލާ ފުއެންޓޭގެ އިރުޝާދުގެ ދަށުން ސްޕެއިނުން އަންނަނީ މޮޅަށް ކުޅެމުންނެވެ. އޭނާގެ އިރުޝާދުގެ ދަށުން ސްޕެއިން ވަނީ 2022/23 ގެ ޔުއެފާ ނޭޝަންސް ލީގު ވެސް ކާމިޔާބު ކޮށްފައެވެ. ޔޫރޯ ކޮލިފައިންގައި އޭނާގެ އިރުޝާދުގެ ދަށުން ސްޕެއިން ބަލިވީ އެންމެ މެޗަކުންނެވެ. ނަމަވެސް ރޭ މެޗުގެ ކުރިން ސްޕެއިނުން ކުޅުނު ދެ މެޗުން ވެސް މޮޅެއް ނުލިބެއެވެ. އަމިއްލަ ގައުމުގައި ބްރެޒިލްއާއި އެއްވަރުވީއިރު ރަށުން ބޭރުގައި ކޮލަމްބިއާ އަތުން ވީ ބައްޔެވެ. ޔޫރޯއަކީ އޭނާ ސްޕެއިންއަށް އިރުޝާދުދޭ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތެވެ.

ޔޫރޯގައި ސްޕެއިން ހިމެނެނީ މަރުގެ ގްރޫޕްގެ ގޮތުގައި ބެލެވިފައި އޮތް ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ސްޕެއިންގެ އިތުރުން ހިމެނެނީ ކޮރޭޝިއާ، އިޓަލީ އަދި އަލްބޭނިއާއެވެ. ޔޫރޯގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗު އޮންނާނީ މި މަހު 15 ވަނަ ދުވަހުގެ ރެއެވެ. އެ މެޗުގައި ސްޕެއިން ނުކުންނާނީ ކޮރޭޝިއާއާއި ދެކޮޅަށެވެ.

ބޯޅަ ހިފަހައްޓައިގެން ގިނަ ޕާސްތަކެއް ޖަހައިގެން ޕޮޒިޝަނިން ފުޓްބޯޅަ ކުޅުމަށް މަޝްހޫރު ސްޕެއިނުން ރޭ މެޗުގައި ވެސް ވަނީ 84 އިންސައްތަ ބޯލް ޕޮޒިޝަން ހިފަހައްޓާފައެވެ.

ރޭ މެޗުގައި ސްޕެއިންގެ ތަރިއަކަށް ވީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މިކެލް އޮޔަޒަބަލްއެވެ. އޭނާ ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. ދެން ސްޕެއިންއަށް ލަނޑުތައް ޖަހައިދިނީ ޕެރޭޒްގެ އިތުރުން ފެރާން ޓޯރޭސްއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި