އިންޑިއާގެ އާންމު އިންތިހާބު 2024 ގައި ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އާއި އެ ޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެންޑީއޭ) ހޯދި ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ރައީސްގެ މި ޕޯސްޓުގައި ބީޖޭޕީން ތިންވަނަ ދައުރަކަށް އިންތިހާބު ކާމިޔާބުކޮށްފައިވާކަން ފާހަގަކުރައްވާފައި ވެއެވެ.

އަދި ތަރައްގީ އާއި ހަމަޖެހުން ހޯދުމަށް ދެ ގައުމު ގުޅިގެން ކުރެވޭ މަސައްކަތް އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

މޯދީ އާއި ވެރިކަންކުރާ ބީޖޭޕީ އަށް ލިބުނު ކާމިޔާބީއާ ގުޅިގެން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވެސް މަރުހަބާ ވިދާޅުވެފައިވެ އެވެ. ނައިބު ރައީސް ވިދާޅުވީ މޯދީގެ ލީޑަޝިޕްގެ ދަށުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިންޑިއާގެ އާންމު އިންތިހާބުގައި ބީޖޭޕީއަށް ލިބިފައިވަނީ 240 ގޮނޑިއެވެ. މިއީ 2019 ވަނަ އަހަރުގެ އިންތިހާބާ އަޅާބަލާއިރު ލިބުނު ގޮނޑިއަށް ވުރެ މަދު އަދަދެކެވެ. މީގެކުރިން އެ ޕާޓީން 300 އަށް ވުރެ ގިނަ ގޮނޑި ހޯދިއެވެ.

އިލެކްޝަން ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު ބީޖޭޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކަށް ކުރި ލިބެނީ 292 ގޮނޑިއެވެ. އިދިކޮޅު ކޮންގްރެސް އަށް 99 ގޮނޑި ލިބިފައިވެއެވެ.