ރައްޔިތުންގެ މަޖިލިހުގެ 20 ވަނަ ދައުރުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުތަކުގައި ރިޔާސަތު ބަލަހައްޓަވާނެ މެމްބަރުން ކަނޑައަޅައި އެކަން މިއަދު އިއުލާންކޮށްފި އެވެ.

މަޖިލީހުގެ ގަވައިދުގައި ބުނެފައި ވަނީ މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް ނެތް ހާލަތެއްގައި މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ޖުމްލަ ފަސް މެމްބަރުން ކަމަށެވެ. އަދި އެ މެމްބަރުންގެ ތަރުތީބު ކަނޑައަޅާނީ އެ މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތަށް އިސްކަން ދީގެން ކަމަށް ގަވައިދުގައިވެއެވެ. ދެ މެމްބަރެއްގެ މުއްދަތު ހަމަހަމަވެއްޖެ ނަމަ، އެފަދަ މެމްބަރުން ތަރުތީބު ކުރާނީ މެމްބަރުންގެ އުމުރުގެ ދޮށި ކަމަށް އިސްކަން ދީގެން ކަމަށް އެ ގަވައިދުގައިވެއެވެ.

Ad
rt

މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނެ 5 މެމްބަރުންނަކީ:

1- މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު
2- މާމިގިލި ދާއިރާގެ ގާސިމް އިބްރާހިމް
3- އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
4- ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
5- މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް)

އެމްޑީއޭގެ ލީޑަރުކަން ކުރައްވާ ސިޔާމް ވަނީ ފެބްރުއަރީ 27، 2005 އިން ފެށިގެން މިއަދާ ހަމައަށް މެދުނުކެނޑި 19 އަހަރާއި ތިން މަސް ދުވަހު މަޖިލިހަށް ހިދުމަތް ކުރައްވައިފައެވެ. ގާސިމާއި ސަލީމާއި އަބްދުލްޣަފޫރު ވަނީ މެއި 28، 2009 އިން ފެށިގެން މެދުނުކެނޑި 15 އަހަރު މަޖިލިހަށް ހިދުމަތް ކުރައްވައިފައެވެ. އަދި ތޯރިގް ވަނީ މެއި 28، 2014 އިން ފެށިގެން މިއަދާ ހަމައަށް މެދުނުކެނޑި 10 އަހަރު ވަންދެން މަޖިލިހަށް ހިދުމަތް ކުރައްވައިފައެވެ.

ލިސްޓުގެ ކުރީގައި ތިއްބެވި ހަތަރު މެންބަރުންނަކީ މީގެ ކުރީ ދައުރުގައި ވެސް ރިޔާސަތު ބެލެހެއްޓެވި މެމްބަރުންނެވެ.