ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ''ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024'' ގައި ޗެމްޕިއަން ފިއުރިޔަސް އިން ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ.

މުބާރާތުގައި ފިއުރިޔަސް އިން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ރޭ ނުކުމެފައި ވަނީ ދަ ބެންޗާއި ދެކޮޅަށެވެ. އެ މެޗު 5-2 ގެ ނަތީޖާއިން ކާމިޔާބުކޮށްފައި ވަނީ ފިއުރިޔަސް އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފިއުރިޔަސް ޓީމަށް ކުޅެމުން އަންނަ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަޔާޒް އަހްމަދު (އަޔާ) އެވެ.

Ad
rt

މުބާރާތުގައި އިއްޔެ ހަވީރު ވެސް ވަނީ މެޗެއް ކުޅެފައެވެ. އެ މެޗުގައި ލެއިޓް ވުލްފުން ވަނީ 10-0 ގެ ތަފާތު ބޮޑު ނަތީޖާއިން ޑާކް ހޯސް ބަލިކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއށް ހޮވުނީ ލެއިޓް ވުލްފްގެ ޖޯޒީ ނަމްބަރު 7، އިބްރާހީމް ޒާހީއެވެ.

މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު ލެއިޓް ވުލްފާއި ދަ ބެންޗް ބައްދަލުކުރާއިރު، ދެވަނަ މެޗުގައި މިރޭ ފިއުރިޔަސް ނުކުންނާނީ ބީސީ ލަޔަންސްއާއި ދެކޮޅަށެވެ.

މި މުބާރާތުގައި ޖުމްލަ 6 ޓީމެއް މި އަހަރު ވާދަކުރެއެވެ. އެ ޓީމްތަކަކީ ފިއުރިއަސް، ބްލެކް ކޯނާ އެފްސީ، ބްލެކް ކޯނާ ލަޔަންސް، ޑާކް ހޯސް، ލެއިޓް ވުލްފް، އަދި ދަ ބެންޗް އެވެ.

މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެއްވަނަ ހޯދާ ޓީމާއި ހަތަރުވަނަ ހޯދާ ޓީމެވެ. ދެވަނަ ސެމީގައި ވާދަކުރާނީ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހު 10 ވަނަ ދުވަހުގެ ހަވީރުއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފަނަރަހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އެވެ.