ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ''ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024'' ފަށައިފިއެވެ.
މި މުބާރާތް ހޮނިހިރު ދުވަހުގެ ރޭ ނަރުދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ) އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބީސީ އާއި ބީސީ ލަޔަންސްއެވެ. މި މެޗު 5-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ބީސީ އެވެ. މެޗުގެ މޮޅުކުޅުންތެރިޔާއަށް ހޮވުނީ ބީސީގެ ޖޯޒީ ނަމްބަރު 66، މުހައްމަދު މާއިލް އަރީފް އެވެ.
މުބާރާތުގެ ދެ މެޗު މިއަދު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ލެއިޓްވުލްފްއާއި ޑާކް ހޯސްއެވެ. ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ދަ ބެންޗް އެންމެ ފަހުގެ ޗެމްޕިއަން ފިއުރިޔަސްއެވެ.
މި މުބާރާތުގައި ޖުމްލަ 6 ޓީމެއް މި އަހަރު ވާދަކުރެއެވެ. އެ ޓީމްތަކަކީ ފިއުރިއަސް، ބްލެކް ކޯނާ އެފްސީ، ބްލެކް ކޯނާ ލަޔަންސް، ޑާކް ހޯސް، ލެއިޓް ވޮލްފް، އަދި ދަ ބެންޗް އެވެ.
މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެއްވަނަ ހޯދާ ޓީމާއި ހަތަރުވަނަ ހޯދާ ޓީމެވެ. ދެވަނަ ސެމީގައި ވާދަކުރާނީ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހު 10 ވަނަ ދުވަހުގެ ހަވީރުއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފަނަރަހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!