ސައުދީ ޕްރޮފެޝަނަލް ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލައިފިއެވެ.

ސައުދީ ލީގުގައި، ކުރިން އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ 2018 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރަށް އަލް ނަސްރަށް ކުޅުނު މޮރޮކޯގެ ފޯވާޑް އަބްދުއްރައްޒާގް ހަމްދުﷲ އަތުގައެވެ. އޭނާ ވަނީ 2018/19 ސީޒަންގައި ކުޅުނު 26 މެޗުގައި ނަސްރަށް 34 ލަނޑު ޖަހައިދީ އެ ސީޒަންގެ ލީގު ޗެމްޕިއަންކަން ނަސްރަށް ހޯދައިދީފައެވެ.

Ad
rt

ސައުދީ ލީގުގައި ރޭ އަލް ނަސްރާއި އަލް އިއްތިހާދު ކުޅުނު މެޗު، 4-2 ގެ ނަތީޖާއިން އަލް ނަސްރު ކާމިޔާބުކުރިއިރު، އުމުރުން 39 އަހަރުގެ ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހާފައެވެ. އެ ދެ ލަނޑާއިއެކު އޭނާ މި ސީޒަންގައި ލީގުގައި ނަސްރަށް ކުޅުނު 30 މެޗުގައި ޖެހި ލަނޑުގެ އަދަދު ވަނީ 35 އަށް އަރާފައެވެ.

މެނެޗެސްޓާ ޔުނައިޓެޑް ދޫކޮށް 2023 ވަނަ އަހަރު އަލް ނަސްރަށް ބަދަލުވެ މިހާތަނަށް އެ ޓީމަށް ކުޅެދިން 69 މެޗުގައި ރޮނާލްޑޯ ވަނީ 64 ލަނޑު ޖަހާފައެވެ. ކުރިން ސްޕޯޓިން ލިސްބަންއަށާއި، މެންޗެސްޓާ ޔުނައިޓެޑާއި، ރެއާލް މެޑްރިޑާއި ޔުވެންޓަސްއަށް ވެސް ކުޅުނު ރޮނާލްޑޯ، އޭނާގެ 22 އަހަރުވީ ފުޓްބޯޅަ ކެރިއާގައި މިހާތަނަށް ވަނީ ކްލަބުތަކަށް 765 ލަނޑު ޖަހާފައެވެ.

ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 206 މެޗުގައި އޭނާ ވަނީ 128 ލަނޑު ޖަހާފައެވެ. ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑާއި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ވެސް އޮތީ އޭނާގެ އަތުގައެވެ. އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޕޯޗުގަލުން އެކުލަވާލި ޓީމުގައި ރޮނާލްޑޯ ހިމަނާފައިވާއިރު، އެ މުބާރާތަކީ ރޮނާލްޑޯގެ ހަވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތެވެ.

ސައުދީ ލީގުގެ ޗެމްޕިއަންކަން އަލް ހިލާލުން ކަށަވަރު ކޮށްފައިވާއިރު، އަލް ނަސްރު އޮތީ ތާވަލުގެ ދެވަނާގައެވެ. އެއްވަނާގައި އޮތް ހިލާލާއި ނަސްރާއި ދެމެދު 14 ޕޮއިންޓްގެ ފަރަގެއް އޮތްއިރު ނަސްރާއި ތިންވަނާގައި އޮތް އަލް އަހްލީއާއި ދެމެދު 17 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.