ޔޮޓެއްގައި ރާއްޖެއައި ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ކ. ތުލުސްދޫ އަށް ބޭލި މައްސަލަ ތަޙްޤީޤުކުރަމުން އަންނަކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނެފިއެވެ.
އެ ކުއްތާ ތުލުސްދޫ އަށް ބާލާފައި ވަނީ ހިންމަފުށީ ބޭރުގައި އޮތް ޔޮޓަކުން އިއްޔެއެވެ. އެ ކުއްތާ އެރަށަށް ބޭލި މައްސަލާގައި ފުލުހުން ވެސް އެޓެންޑްވެފައިވާއިރު، އެ ކުއްތާ އިއްޔެ އަނބުރާ ޔޮޓަށް ގެންގޮސްފައެވެ.
އެ ކުއްތާ ތުލުސްދޫ އަށް ބާލާ މަންޒަރު ފެންނަ ވީޑިއޯ އެއް އިއްޔެ މީސްމީޑިއާގައި ދައުރުވެފައިވާއިރު، ކަސްޓަމްސް އިން މިއަދު ބުނީ ކުއްތާއަކީ، ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސް (ދިފާޢީ ވުޒާރާ)ގެ ޚާއްސަ ހުއްދައެއް ލިބިގެން ރާއްޖެ ގެނެވޭ އެއްޗެއް ކަމަށެވެ.
ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި މީސްމީޑިއާގައި ދައުރުވަމުން ވީޑިއޯއިން ފެންނަ ކުއްތާއަކީ މިމަހުގެ 16 ވަނަ ދުވަހު ސެއިލިން ޔޮޓެއްގައި ދިފާޢީ ވުޒާރާގެ ޚާއްސަ ހުއްދައާއެކު ރާއްޖެ ގެނެސްފައިވާ ކުއްތާއެކެވެ.
ދިފާޢީ ވުޒާރާއިން މި ކުއްތާ ރާއްޖެ ގެނައުމަށް ހުއްދަ ދީފައި ވަނީ ހަމައެކަނި ޕެޓް ޑޯގެއްގެ ގޮތުގައި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޔޮޓް ދަތުރުކުރި ނަމަވެސް ކުއްތާ ޔޮޓުން ނުބޭލޭނެ ކަމަށް ހުއްދައިގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ކަސްޓަމުން ވަނީ ބުނެފައެވެ.
''ނަމަވެސް، އެ ހުއްދައާއި ޚިލާފަށް އެ ކުއްތާ ޔޮޓުން ބާލައިގެން ރާއްޖޭގެ ރަށެއްގައި ގެންގުޅެފައި ވާކަމަށް ބެލެވޭތީ، މި މުއައްސަސާއިން އެ މައްސަލަ އިތުރަށް ތަޙްޤީޤް ކުރަމުންދާ ވާހަކަ ދެންނެވީމެވެ.'' ކަސްޓަމްސް އިން ބުނެފަވެއެވެ.
ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނުގައި ބުނާގޮތުން ކުއްތާ ދިވެހިރާއްޖެއަށް ގެންނަންވާނީ، އަދި ދިވެހިރާއްޖޭގައި ގެންގުޅެން ވާނީ، ދިފާޢީ ވުޒާރާގެ ޚާއްޞަ ހުއްދައެއް ލިޔުމަކުން ލިބިގެން، އަދި އެ ވުޒާރާއިން ކަނޑައަޅާ ގަވާއިދަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެ ޤާނޫނު ބުނާގޮތުން ކުއްތާއެއް ޤާނޫނާ ޚިލާފަށް ދިވެހިރާއްޖެއަށް ގެނެސް، އަތުގައި ބާއްވައި، ގެންގުޅެ، ދީ ނުވަތަ ވިއްކައި ހަދައިފި މީހެއްގެ އަދަބަކީ 6 މަހާއި 2 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުން ނުވަތަ 5،000/- ރުފިޔާއާއި 50،000/- ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމެވެ.
ކަސްޓަމްސްގެ ޢާންމު ގަވާއިދުގައި ބުނާގޮތުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި ނައްތާލުމަށް، އެ ވުޒާރާއިން ދިފާޢީ ވުޒާރާ އާއި ހަވާލުކުރާން ޖެހެއެވެ. މިގޮތުން ދިފާޢީ ވުޒާރާ އާއި ހަވާލުކުރާން ޖެހޭ ތަކެތީގެ ތެރޭގައި ކުއްތާގެ އިތުރުން ހަނގުރާމަވެރި ހަތިޔާރު، ބަޑިބޭސް؛ ގޮވާ އެއްޗެހި؛ ދިރޭ އޫރު ނުރައްކާތެރި ޖަނަވާރު؛ ނުރައްކާތެރި ކެމިކަލް؛ އަދި މަސް ހިފާ ނުވަތަ މަސް މަރާ ބަޑި ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!