ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންޓިގާ ބާބުޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

Ad
rt

ރައީސް، މި ސަމިޓްގެ ޕްލީނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވެވުމުގެ އިތުރުން، ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ ވަފްދުތަކުގެ މަތީފަންތީގެ ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް ޑރ. މުޢިއްޒަކީ އ.ދ.އިން އިންތިޒާމުކުރާ މި ކޮންފަރެންސްގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މި ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޯގުގެ ކޯޗެއަރއެވެ.

މި މެއިމަހު 27 ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަތަރު ވަނަ ސިޑްސް ކޮންފަރެންސްގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޕްރޮގްރާމް ފޮރ އެކްޝަން އެޑޮޕްޓުކުރުން ނުވަތަ ސިޑްސްގެ ހަރަކާތްތައް މުސްތަގުބަލުގައި ކުރިއަށްގެންދާނެ ގޮތެއް އެކަށައެޅުމެވެ.

ސިޑްސް4 ގެ މި އަހަރުގެ ޝިއާރަކީ "ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" އެވެ.

މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ޤައުމުތަކަށް ފާގަތިކަމާއި، ވިލުންތެރިކަން ހާސިލްކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ސިޑްސްގެ މި ކޮންފަރެންސަކީ ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ ކޮންފަރެންސެކެވެ.