ހއ.އިހަވަންދޫ ބަދަނދަރުތެރޭ އެއްވެސް ސިފައެއްގައި ފައިބަރގްލާސް މަސައްކަތް ކުރުން އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަނާކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ.

އިހަވަންދޫ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 148 ވަނަ އާންމު ބައްދަލުވުމުގައެވެ. އެ ކައުންސިލުން ބުނީ ގިނަ ރައްޔިތުންގެ ފަރާތުން ޝަކުވާ ލިބެމުންދާތީއާއި އެ މަސައްކަތަކީ ސިއްހަތަށް ނުރައްކާތެރި ކަމަކަށްވާތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، ބަނދަރުތެރޭ ފައިބަރގްލާސްއާއި ގުޅޭ އެއްވެސް މަސައްކަތެއް ކުރުން އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަނާވާނެ ކަމަށެވެ.

Ad
rt

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން އިހަވަންދޫ ކައުންސިލުގެ ރައީސް އަހްމަދު ސޮބާހް ބުނީ އިހަވަންދޫއަކީ ވަރަށް ފުޅާދާއިރާއެއްގައި ފައިބަރު މަސްދޯނި ބަނުމުގެ މަސައްކަތް ކުރަމުން އަންނަ ރަށަކަށްވުމާއި، އަދި ހަމައެހެންމެ ގިނަ އަދަދެއްގެ ފައިބަރު މަސްދޯނިތައް ދުއްވާ ރަށަކަށް ވުމުން އަބަދުހެން އެ ރަށު ބަނދަރުތެރޭ ފައިބަރު ދޯނިތައް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. ފައިބަރު މަސައްކަތްކުރާއިރު ދުވާ ވަހާއި އެ ގާނާއިރު އަރާ ކުނޑީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުން އަންނާތީ އެކަމުގެ ޝަކުވާ އަބަދުވެސް ރައްޔިތުން ކުރަމުން އަންނަ ކަމަށެވެ.

ސޮބާހް އިތުރަށް ބުނީ ފައިބަރގްލާސް މަސްދޯނި ވަރަށް ގިނައިން ގެންގުޅޭ ރަށަކަށް ވުމުން އެ ދޯނިތަކުގެ ކުދިކުދި މަރާމާތު މޫދުގައި ބާއްވައިގެން ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުން އެއީ ހަމަ ކޮންމެހެން އެ ރަށަށް ބޭނުންތެރި ކަމަކަށް ވާތީ ރަށުގެ އިރުއުތުރު ކަންމައްޗާއި ދިމާގައި ދޯނި ބާއްވައިގެން އެ މަސައްކަތް ކުރެވޭނެކަމަށާއި މި މަސްތެރޭ ކައުންސިލުން އެތަނަށް ކަރަންޓްލުމުގެ މަސައްކަތް ވެސް ކުރަން ނިންމާފައިވާ ކަމަށެވެ.

އިހަވަންދޫއަކީ ރާއްޖޭގެ އުތުރުގައި އެންމެ ފުޅާދާއިރާއެއްގައި ފައިބަރގްލާސް މަސްދޯނި ބަނުމުގެ މަސައްކަތް ކުރަމުން އަންނަ ރަށެވެ. އެ ރަށުގައި ފައިބަރު މަސައްކަތްކުރާ 27 ހަރުގެ މިހާރު ވެސް ހުރެއެވެ. މަސްވެރިކަމުގައްޔާއި ބޮޑުކަންނެލީގެ މަސްވެރިކަމުގައި އިހަވަންދޫގެ ގިނަ އަދަދެއްގެ މަސްދޯނި މިހާރު ވެސް ހަރަކާތްތެރިވަމުން އާދެއެވެ.