ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ވަންދެން އެ ސިޓީގައި ސްޓެލްކޯގެ ތަޖުރިބާކާރުން ހިމެނޭ ޓީމެއް ހަރަކާތްތެރިވާނެ ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެމްޑީ ފަހުމީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހާލަތު ދެނެގަތުމަށާއި، އެކަން ރަނގަޅު ކުރުމަށް އެ ކުންފުނީގެ އެޑްވާންސް ޓީމެއް މީގެ ކުރިން ކުޅުދުއްފުށްޓަށް ފޮނުވުނު ކަމަށާ އެ ޓީމް މިހާރު މާލެ އައިސްފައިވާ ކަމަށެވެ.
އަދި އެ ޓީމުގެ ބަދަލުގައި އެ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރެވެންދެން ސްޓެލްކޯއިން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ސްޓެލްކޯގެ 8 މުވައްޒަފުންގެ މައްޗަށް ހިމެނޭ ތަޖުރިބާކާރު ޓީމެއް ކުޅުދުއްފުށީގައި ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
މާތްاللهގެ އިރާދަފުޅާއެކު، ކުރީ ސަރުކާރުގެ އިހުމާލުން ކުޅުދުއްފުށީ ރައްޔިތުންނަށް ދިމާވެފައިމިވާ ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދީ، ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ކުޅުދުއްފުށީގައި ދެވިގެންދާނެ. މިކަން ޙާސިލް ކުރެވެންދެން ސްޓެލްކޯގެ އެހީތެރިކަން ފެނަކައަށް ދެމުންގެންދާނެ ކަމުގެ ޔަޤީންކަން އަރުވަން.
ކުޅުދުއްފުށްޓަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 7 ޖަނެރޭޓަރުގެ ތެރެއިން 3 ޖެނެރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދުމުގެ ސަބަބުން މިމަހު 15 ވަނަ ދުވަހު ހެނދުނު އެރަށުން އެއްކޮށް ކަރަންޓު ދިޔުމުން އެ މައްސަލަ ހައްލު ކުރުމަށްވެސް ސްޓެލްކޯގެ ޓީމެއް އެރަށަށް ގޮސް މައްސަލަ ހައްލު ކުރުމަށް ފެނަކައަށް ވަނީ އެހީވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!