ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އުމުރުން 25 އަހަރުގެ ކިލިއަން އެމްބާޕޭ މި ސީޒަނަށް ފަހު އެ ޓީމް ދޫކޮށްލަން ނިންމާފައިވާކަން ފުރަތަމަ ފަހަރަށް މީޑިއާގައި އޭނާ ހާމަކޮށްފިއެވެ.

އެމްބާޕޭ މިކަން ކަށަވަރު ކޮށްދީފައި ވަނީ ހުކުރު ދުވަހު ސޯސަލް މީޑިއާގައި ކުރި ޕޯސްޓެއް މެދުވެރިކޮށެވެ. އެ ޕޯސްޓްގައި އޭނާ ބުނީ މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަން ޖެހޭވަގުތު ޖެހުމުން ވާހަކަ ދައްކާނެކަމަށް އަހަރެން އަބަދުވެސް މިއައީ ބުނަމުން ކަމަށާއި، މި ސީޒަނަކީ އޭނާ ޕީއެސްޖީއަށް ކުޅޭނެ އެންމެ ފަހު ސީޒަންކަމަށާއި، އޭނާގެ އެއްބަސްވުން އައު ނުކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭ އޭނާ ޕީއެސްޖީއާއިއެކު ފަށާފައިވާ ދަތުރަށް ނިމުން އަންނާނެކަމަށެވެ.

Ad
rt

އޭނާ އިތުރަށް ބުނީ އަންނަ އާދީއްތަ ދުވަހު ލީގުގައި ޓުލޫސްއާއި ދެކޮޅަށް ކުޅޭ މެޗަކީ ޕީއެސްޖީގެ ދަނޑުގައި (ޕާކް ޑެސް ޕްރިންސެސް) އޭނާ ކުޅޭ ފަހު މެޗު ކަމަށާއި އެއީ އޭނާއަށް ވަރަށް ގިނަ ޖަޒުބާތުތަކެއް ގެނުވާނެ ވަގުތެއްކަމަށެވެ.

އޭނާ އިތުރަށް ބުނީ ގިނަ އަހަރުތަކެއް ވަންދެން ފްރާންސްގެ އަދި ދުނިޔޭގެ އެންމެ ބޮޑު ކްލަބުގެ މެމްބަރަކަށް ވުމުގެ ފުރުސަތަކީ ބޮޑު ޝަރަފެއް ކަމަށާއި އެ ޓީމާއި ގުޅުނުއިރު ބޮޑު ޕްރެޝަރެއް ކުރިމަތިވީ ނަމަވެސް ޓީމްގައި ތިބި ތަޖުރިބާކާރު މޮޅެތި ކުޅުންތެރިންނާއިއެކު، ކުޅުންތެރިއެއްގެ ގޮތުގައި ކުރިއެރުމާއި ކާމިޔާބީ ހޯދިފައިވާ ކަމަށެވެ.

ޕީއެސްޖީ ދޫކޮށް ދިއުމަކީ ފަސޭހަކަމެއް ނޫންކަން ހާމަކުރަމުން އޭނާބުނީ ހަތް އަހަރަށްފަހު ޕީއެސްޖީ ދޫކޮށްލަން ނިންމީ ކުރިމަގުގައި އާ ޗެލެންޖާއި ކުރިމަތިލާން ބޭނުންވާތީ ކަމަށެވެ.

ޕެރިހަށް އުފަން އެމްބާޕޭ ފުރަތަމަ ވިދާލީ ފްރާންސްގެ މޮނާކޯއިންނެވެ. 2016 ވަނަ އަހަރު އޭނާ އެ ޓީމްގައި ދެއްކި މޮޅު ކުޅުމާއިއެކު ޖެހުގެން އައި އަހަރު އޭނާ ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީއާއި ގުޅި، ފަހުން އެ އެއްބަސްވުން ދާއިމީ ކޮށްފައެވެ.

އެ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވުމުން އެ ޓީމް ދޫކޮށްލުމާއި ގާތަށް ދިޔަނަމަވެސް ފަހުން އޭނާ ވަނީ ޕީއެސްޖީއާއިއެކު އިތުރު ދެ އަހަރު މަޑުކުރަން ނިންމައި އެއްބަސްވުން އައުކޮށްފައެވެ. މި ސީޒަނަށް ފަހު އޭނާ ޕީއެސްޖީއާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނެއެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑުން އެމްބާޕޭގެ ސޮއި ހޯދަން މަސައްކަތް ކުރާތާ އަހަރުތަކެއް ވަނީ ވެފައެވެ. ރިޕޯޓްތައްބުނާގޮތުން އެމްބާޕޭ ޕީއެސްޖީ ދޫކޮށް ބަދަލުވާނީ ރެއާލް މެޑްރިޑަށެވެ. އެއީ އޭނާ ކުޑައިރުގެ ހުވަފެނީ ކްލަބެވެ. ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭ މިހާރު ފްރީ ޓްރާންސްފާގައި ރެއާލަށް ބަދަލުވުމުގެ ކަންކަން ނިމުމަކާއި ގާތަށް ވަނީ އައިސްފައެވެ. ކުރިއަށް އޮތް މަދު ހަފްތާތަކުގެ ތެރޭ ހުރިހާކަމެއް ފައިނަލް ވެގެންދާނެއެވެ.

އެމްބާޕޭ ޕީއެސްޖީގައި ހޭދަކުރި މުއްދަތުގައި ވަނީ ފްރާންސް ލީގު ހަފަހަރު ކާމިޔާބު ކޮށްފައެވެ. އަދި ފްރެންޗް ކަޕް ވެސް ވަނީ ތިންފަހަރު ކާމިޔާބު ކޮށްފައެވެ. އޭނާއަކީ މިވަގުތު ޕީއެސްޖީގެ ގިނަ ރެކޯޑްތަކެއް ވެސް އޮތް ކުޅުންތެރިއެކެވެ. އޭނާ ވަނީ ޕީއެސްޖީއަށް މިހާތަނަށް ކުޅުނު 306 މެޗުގައި 255 ލަނޑުޖަހައި 108 އެސިސްޓް ހަދާފައެވެ. ޕީއެސްޖީގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާފައި ވަނީ ވެސް އޭނާއެވެ.