މިހިނގާ މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެކަމުގައި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ހުޅަނގު މޫސުމުގެ އަސަރުތައް އާންމުކޮށް މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާ ތެރޭ ދެކުނުގެ އަތޮޅުތަކަށް ކުރާ ކަމަށެވެ. އަދި އޭގެ ފަހުން ހުޅަނގު މޫސުމުގެ އަސަރުތައް މެދު ރާއްޖެ ތެރެއަށް ފޯރައި މި މަސް ނިމޭއިރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާނެ ކަމަށެވެ.

Ad
rt

އެ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހު ހުޅަނގު މޫސުން ފެށިފައިވާ ކަމަށާއި، އެ އިދާރާއިން ހުޅަނގު މޫސުން ރާއްޖެއަށް ފެށުނު ކަމަށް ބަލާ މިންގަނޑަކީ 1 މެއިގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށް ވުރެ އިތުރަށް ވާރޭ ވެހުމެވެ. އަދި މި ހާލަތު ދެ ދުވަހަށް ނުވަތަ އެއަށް ވުރެ އިތުރަށް ދެމިގެން ދިޔުމަކީވެސް ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑެވެ.

މީގެ އިތުރުން ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރަށް ވައިޖެހުމާއި މި ހާލަތު ދެ ދުވަހަށް ނުވަތަ އެއަށް ވުރެ އިތުރަށް ދެމިގެންދިޔުމަކީ ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑެއްކަމަށް މެޓުން ހާމަކުރެއެވެ.

ރާއްޖެއަށް ހުޅަނގު މޫސުން ފެށެނީ މެއި މަހުއެވެ. ހުޅަނގު މޫސުން ދެމިގެންދާނީ ނޮވެމްބަރު މަހާއި ހަމައަށެވެ. ރާއްޖޭގެ އިރުވާ މޫސުން ދެމިގެންދާނީ ޖަނަވަރީ މަހުން ފެށިގެން މާޗުމަހުގެ ނިޔަލަށެވެ. މިއީ އާންމުކޮށް ރާއްޖެ ސަރަހައްދުގެ މޫސުން ތަރުތީބުވެފައި އޮންނަ ގޮތެވެ.