ދިވެހި ލޮބުވެތި ކުޑަކުދީން ބޮޑެތި ކުރާންވާނީ، އިސްލާމީ އުޞޫލުތަކަށް ކަމޭހިތައި، ދިވެހިވަންތަކަމަށް ލޯބިކުރާ، ޤައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއްގެ ގޮތުގައިކަމަށާއި، މިއީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބު ގައެވެ.

Ad
rt

މިއަދުގެ ޚިޠާބުގައި ރައީސް ވަނީ، ދިވެހިރާއްޖޭގެ އުސްތާޛުލްޖީލް މަރުޙޫމް މުޙައްމަދު ޖަމީލުދީދީ 1981 ވަނަ އަހަރު ލިޔުއްވާފައިވާ ޢިބްރަތްތެރި ކުރުވާހަކަ "ހައްތާވެސް ދަރީންނެވެ." ވާހަކައަށް އިޝާރާތްކުރައްވައި މި ވާހަކައިން ލިބިދޭ އެންމެ ބޮޑު އެއް ޢިބްރަތަށް މިފަދަ ދުވަހެއްގައި ވިސްނާލުން ވަރަށް މުހިންމު ކަމަށް ވިދާޅުވެފައެވެ.

މިގޮތުން އުފަން ދަރީން ނޫނަސް، ކޮންމެ ކުޑަކުއްޖަކީވެސް ދަރިއެއްކަމުގައި ދެކި އޯގާތެރިކަމާއި އެހީތެރިކަމާއެކު ދިރިއުޅެން ފަށައިފި މީހެއްގެ ނަފްސާއި ރޫޙަށް ލިބޭނެ ހަމަޖެހުންކަމަށް އެ ވާހަކާގައި ޖަމީލު ދީދީ ލިޔުއްވާފައިވާ ކިޔުއްވުން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ކުޑަކުދީންގެ ޙައްޤުތައް ރައްކައުތެރިކޮށްދިނުމާބެހޭ ބައިނަލްއަޤްވާމީ މުހިންމު މުޢާހަދާތަކުގައި ރާއްޖެެއިން ބައިވެރިވެފައިވާކަން ފާހަގަކުރައްވަމުން، ކުޑަކުދީންނަށް ޙިމާޔަތާއި، ދިރިއުޅުމުގެ ފަހި ފުރުޞަތުތަކަށްޓަކައި ބޭނުންވާނެ ޤާނޫނުތައް ހަދައި، އިދާރާތައް އުފައްދައި، ނިޒާމުތައް ޤާއިމުކުރުމުގައިވެސް ބޮޑެތި އަދި މުހިންމު އެތައް މަސައްކަތެއް ރާއްޖޭގައި ވަނީ ފުރިހަމަކުރެވިފައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިތުރު އެތައްކަމެއް ކޮންމެ ސަރުކާރަކުން ވެސް ދަނީ ކުރަމުން ކަމަށް ވެސް ވިދާޅުވިއެވެ.

''މި ހުރިހާ ކަމަކާއެކު، އަޅުގަނޑުމެން ކޮންމެ ބޮޑު މީހެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ދީނީ، އިންސާނީ، އަދި ޤައުމީ މަސްއޫލިއްޔަތެއް އެބައޮތެވެ. އެއީ، ކުޑަކުދީންނަށް ރައްކައުތެރިކަންދީ، ރީތި ނަމޫނާ ދައްކާ، ހެޔޮމަގަށް އެކުދީންގެ ސުލޫކު ބައްޓަންކުރަން މަގުދައްކައިދިނުމުގައި ހަމަ ކޮންމެ މީހަކުވެސް ދެމިހުރުމެވެ. މަރުޙޫމް މުޙައްމަދު ޖަމީލް ދީދީ އެ ވިދާޅުވި ފަދައިން، "ހައްތާވެސް ދަރީން" ކަމުގައި ދެކި، ކޮންމެ ކުއްޖަކާމެދުވެސް ދަރިކުލުނާ އިމެއްމިނެއް ނެތް ތެދުވެރި ލޯތްބާއެކު މުޢާމަލާތު ކުރުމެވެ.'' ރައީސް ވިދާޅުވެފަވެއެވެ.

މިކަމުގެ އެންމެ ރިވެތި ނަމޫނާ މުޅި އިންސާނިއްޔަތަށް ފެންނާން އޮތީ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ރިވެތި ސީރަތުން ކަމަށާއި، ދަރީން ފަދައިން ލޯބި ދެއްވައިގެން، ތަރުބިއްޔަތާއި، ރިވެތި ނަމޫނާއާއި، ދިރިއުޅުމަށް ބޭނުންވާނެ މުހިންމު ދަރެސްތައް އުނގަންނައިދެއްވައިގެން އެކަލޭގެފާނުގެ ނަބަވީ މަދަރުސާއިން ދަސްވެނިވެ މުޅި އިންސާނިއްޔަތަށް އަލިގަދަ ދަންމަރުތަކެއްކަމުގައިވީ ކިތައް ޝަޚްޞިއްޔަތުތޯ ރައީސްގެ ޚިޠާބުގައި ވަނީ ސުވާލުކުރައްވާފައެވެ.

''ދިވެހި ލޮބުވެތި ކުޑަކުދީން ބޮޑެތި ކުރާންވާނީ، އިސްލާމީ އުޞޫލުތަކަށް ކަމޭހިތައި، ދިވެހިވަންތަކަމަށް ލޯބިކުރާ، ޤައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއްގެ ގޮތުގައެވެ. މިއީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި، އެމަނިކުފާނު ރާއްޖޭގެ އެކި ރަށްރަށަށް ކުރެއްވި ޒިޔާރަތްތަކުގައި ވަރަށް ގިނަ ކުޑަކުދީން، އެކުދީން ކުޅިވަރުކުޅެ އުޅޭނެ ޒަމާނީ ޕާކެއް ރަށުގައި ބިނާކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އަދި ކުޑަކުދީންނަށާއި ޢާއިލާތަކަށް ބޭނުންވާނެ އެފަދަ ޕާކުތައް، ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ބިނާކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުތުބުޚާނާތައް ބިނާކުރަން ފަށައި، ކުޑަކުދީންގެ ސިކުނޑިތަކަށް ޢިލްމާއި މަޢުލޫމާތުން ކާނާ ލިބޭނެ މަގުތައް އިތުރުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.