އެމްޑަބްލިއުއެސްސީން ވެސް މިދިޔަ މަހުގެ ބިލުން ރަމަޟާން މަހުގެ ޑިސްކައުންޓް ދެނީ

IMG_5569

އެމްޑަބްލިއުއެސްސީން ވެސް މިދިޔަ މަހުގެ ބިލުން ރަމަޟާން މަހުގެ ޑިސްކައުންޓް ދޭން ނިންމައިފިއެވެ.

އެ ކުންފުނިން ބުނީ ގޭބިސީތަކުގެ ފެންބިލާއި ކަރަންޓުބިލުން ޑިސްކައުންޓް ދިނުމަށް ސަރުކާރުން ނިންމުމާއެކު ފާއިތުވި ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓު ބިލަށް އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ އުސޫލުން ޑިސްކައުންޓު ފޯރުކޮށްދީފައިވާނީ ރަމަޟާންމަހުގެތެރޭގައި 11 މާޗުން ފެށިގެން 11 އެޕްރީލްގެ ނިޔަލަށް ފޮނުވާފައިވާ ބިލްތަކަށް ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި 14.13 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދީފައިވާ ކަމަށް ބުންޏެވެ.

މިއީ ޑޮމެސްޓިކް ކެޓަގަރީއަށް ބިލްކުރެވިފައިވާ މިންވަރުގެ 24.5 އިންސައްތަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ނަމަވެސް މިބިލްތަކުގައި ރަމަޟާންމަހު ބޭނުންކުރެވުނު ފެނާއި ކަރަންޓު ހިމެނިފައިވަނީ އެކި މިންވަރަށް ކަމަށްވުމާއެކު ރަމަޟާންމަހުގެ ތެރޭގައި ފޮނުވުނު ބިލްތަކުގެ އިތުރުން ރަމަޟާންމަހުގެތެރޭގައި ބޭނުންކުރެވުނު ފެނާއި ކަރަންޓުގެ އަގަށްވެސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޑިސްކައުންޓު ދިނުމަށް ނިންމަވާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. އެގޮތުން، މިއަހަރުގެ އޭޕްރީލްމަހުގެ ބިލްތަކަށް ކަސްޓަމަރުންނަށް ޑިސްކައުންޓު ލިބޭނެ ކަމަށް ބުންޏެވެ.

އެ ކުންފުނިން ބުނީ އޭޕްރީލް މަހުގެ ބިލް ޑިސްކައުންޓު ހިމަނައިގެން ފޮނުވާފައިވާ މާޗް މަހުގެ ބިލަށްވުރެ ބޮޑުވާނަމަ، ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން އުނިކޮށްދެވޭނެ ކަމަށެވެ. އަދި އުނިކޮށްދެވޭ މިންވަރަކީ އޭޕްރީލް މަހުގެ ބިލުގެ 10 އިންސައްތައަށްވުރެ ކުޑަމިންވަރެއް ކަމުގައިވާނަމަ، 10 އިންސައްތައާ އެއްވަރަށް ޑިސްކައުންޓްގެ މިންވަރު މަތިކޮށްދެވޭނެ ކަމަަށްވެސް ބުންޏެވެ.

މީގެ އިތުރުން އޭޕްރީލް މަހުގެ ބިލް މާޗް މަހުގެ ބިލަށްވުރެ ކުޑަ ނަމަވެސް ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން 10 އިންސައްތަ ޑިސްކައުންޓް ދޭން ނިންމާފައިވާއިރު، އަލަށް ފެން އަދި ކަރަންޓްލާފައިވާ ފަރާތްތަކަށް ފޮނުވާ ފުރަތަމަ ބިލަކީ އޭޕްރީލް މަހުގެ ބިލުކަމުގައިވާނަމަ އެ ފަރާތްތަކަށްވެސް އޭޕްރީލް މަހުގެ ބިލުން 10އިންސައްތަ ޑިސްކައުންޓް ދޭނެއެވެ.

މިދިޔަ މަހުގެ ބިލުން ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި، މިހާތަނަށް އޭޕްރީލް މަހުގެ ބިލް އެ ކުންފުނިން ފޮނުވާފައިވާ ފަރާތްތަކުގެ ބިލުތައް އިސްލާހުކޮށް މާދަމާ އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރަކަށްވެސް ހިއްސާކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ކަރަންޓުބިލާއި ފެންބިލަށް އިތުރަށް މިލިބިދެވުނު ލުޔާއެކު ލަސްނުކޮށް ބިލްތައް ދެއްކެމަށް އެމްޑަބްލިއުއެސްސީން އިލްތިމާސްކުރެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި