ދިވެހިންނަށް އެކަނި ހާއްސަކޮށްގެން ތިލަފުށިން ސިނާއީ ބޭނުމަށް ބިން ވިއްކަން ރޭ ހުޅުވާލައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ ތިލަފުށީގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ވިއްކަން ހަމަޖައްސާފައިވަނީ ދެ ވަނަ ފިޔަވަހީގެ ޒޯން އޭ ގެ އޭރިޔާ ބީ ގައި މިހާތަނަށް ނުވިކި ހުރި 108 ބިމެއް ކަމަށެވެ.
އެއީ ޓައިޕް އެކެއްގެ 4999-2500 އަކަފޫޓުގެ 64 ބިމާއި ޓައިޕް ދޭއްގެ 9999-5000 އަކަފޫޓުގެ 42 ބިމާއި ޓައިޕް ތިނެއްގެ 10،000-14،999 އަކަފޫޓުގެ ދެ ބިމެވެ.
އެ ބިންތައް ވިއްކަން ހަމަޖައްސާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ނުވަތަ ޝައުގުވެރިކަން ހުށަހެޅުމެވެ. އަދި ދެވަނަ މަރުހަލާއަކީ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.
ބީލަން ހުށަހެޅޭ އެންމެ ކުޑަ އަގަކީ 1،700ރ. އެވެ.
ބިން ގަތުމަށް ޝައުގުވެރިވާ ނަމަ، އެޗްޑީސީގެ ބިޑް ޕޯޓަލް (https://bids.hdc.mv) ނުވަތަ sales@hdc.mv މެދުވެރިކޮށް ވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އެޗްޑީސީން ވަނީ ތިލަފުށީގެ ފުރަތަމަ ވަނަ ފިޔަވަހިން މިހާރު ކުއްޔަށް ނަގާފައިވާ ބިންތައް ގަނެ، މިލްކުކުރެވޭނެ ފުރުސަތު ވެސް ހުޅުވާލައިފައެވެ.
ބިން ގަތުމުގެ ފުރުސަތު ދިނުމަށް ހަމަޖައްސާފައިވަނީ ތިލަފުށީގެ ފުރަތަމަ ފިޔަވަހިން 5،000 އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑެތި ބިން ކުޔަށް ނަގާފައިވާ ފަރާތްތަކަށެވެ. އެކަމަށް ޝައުގުވެރިވާނަނަ sales@hdc.mv އަށް އީމެއިލް ކުރުމަށް އެޗްޑީސީން އެދެއެވެ.
އެޗްޑީސީން ބުނީ ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް، ސިނާއީ މަސައްކަތްކުރާ ތިލަފުއްޓަށް ބަދަލުކުރުމުން މުދާ ކްލިއާ ކުރުމާއި ގުދަން ކުރުމަށް އަދި މާލެ އާއި ރަށްރަށަށް މުދާ ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އަދި މިހާރު ހަދަމުން އަންނަ ތިލަމާލެ ބްރިޖު ތިލަފުއްޓާ ހަމައަށް ގުޅުވާލުމުން މުދާ އުފުލުމުގައި ފަސޭހަވެ، ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވެގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!