ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އަބޫދާބީ ފަންޑުގެ އެހީ ހޯދުމަށް ރާއްޖެ އާއި ޔޫއޭއީއާ ދެމެދު މަޝްވަރާކޮށްފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިވަގުތު ހުންނެވީ ޔޫއޭއީގައެވެ. ޒަމީރުގެ މި ދަތުރުފުޅުގައި ވަނީ ބޫދާބީ ފަންޑުގެ ޑިރެކްޓާ ޖެނެރަލް ސައިފް އަލް ސުވައިދީ އާ އިއްޔެ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

Ad
rt

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ބައްދަލުވުމުގައި އަބޫދާބީ ފަންޑުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ވެދެމުން އަންނަ އެހީ ފާހަގަކޮށް ސަރުކާރުން ހިންގަން ނިންމާފައިވާ ތަރައްގީގެ ބައެއް މަޝްރޫއުތަކަށް އެ ފަންޑުގެ އެހީތެރިކަން ހޯދުމަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ނަމަވެސް އެ މަޝްރޫއުތަކުގެ ތަފްސީލެއް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ނުދެއެވެ.

އަބޫދާބީ ފަންޑުގެ އެހީގައި މިހާރު ކުރިއަށްދާ ވެލާނާ އެއާޕޯޓާއި މާފަރު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފާހަގަކޮށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ އެ މަޝްރޫއުތަކުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރާއި، ބޭރުގެ އިންވެސްޓުމަންޓުތައް އިތުރުވެ، އިގުތިސާދު ވަރުގަދަ ވާނެ ކަމަށެވެ.