ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބައިގަރުނަށްވުރެ ގިނަ ދުވަސްވެގެން ގޮސްފައި ވީނަމަވެސް، އެ މުއްދަތުގައި އެކަށީގެންވާވަރާއި ގާތަށް ވެސް ފަތުރުވެރިކަން ކުރިއަރުވަން އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައިނުވާ ހދ.އަތޮޅުގައި ދެވަނަ ރިސޯޓެއް ހުޅުވައިފިއެވެ.
ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ލަގްޒަރީ ރިސޯޓު ހިންގުމުގައި މަޝްހޫރު ސޮނޭވާއިން ހދ.މަކުނުދޫ ފަޅުތެރޭ ތަރައްގީކޮށްފައިވާ "ސޮނޭވާ ސީކްރެޓް ރިސޯޓް" ހުޅުވާފައިވަނީ 14 ބީޗް އަދި ވޯޓާ ވިލާއާއި އެކުއެވެ. އެ ރިސޯޓުގައި ހަ ވައްތަރެއްގެ ވިލާ ހަދާފައިވާއިރު، އެންމެ ފާހަގަކޮށެލެވޭ ވިލާތަކުގެ ތެރޭގައި ކްރޫސޯ ވިލާއާއ ކާސްޓަވޭ ވިލާ ހިމެނެއެވެ. މި ކޮންމެ ތަނެއް ވެސް ތަރައްގީ ކޮށްފައިވަނީ ދޮންވެލި ގޮނޑުދޮށާއި ރީތި މޫދު ފެންނާނޭ ގޮތަށެވެ.
ސަތާރަވަރަކަށް މޭލު ހުންނަ މަކުނދޫ ފަޅަކީ ވަރަށްރީތި ފަޅެކެވެ. މަކުނުދޫ އޮންނަނީ މި ފަޅުގެ އެންމެ އުތުރު ކޮޅުގައެވެ. އެ ފަޅުގައި ފަޅުރައްތަކެއް ހިމެނެއެވެ. މިގޮތުން ސޮނޭވާ ސީކްރްޓް ތަރައްގީ ކޮށްފައިވަނީ އެ ފަޅުގައި އޮތް ފަޅު ރަށެއްކަމަށްވާ ދިއްޕަރަފުށީގައެވެ. މި ރަށަކީ ކުރިން މަކުނުދޫ މީހުން ދަތުރުދިއުމަށް ބޭނުން ކުރަމުން އައި ރަށެކެވެ.
މަކުނުދޫއަކީ ރާއްޖޭގެ އެންމެ ހުޅަނގުގައި ވަކިން އޮންނަ ރަށެކެވެ. ވުމާއިއެކު ސޮނޭވާ ސިކްރޭޓް ރިސޯޓް ވެގެން ގޮސްފައިވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކާއި ދުރުގައި ވަކިންއޮތް އެންމެ އެކަހެރިކަން ބޮޑު ރެސޯޓްގެ ގޮތުގައެވެ.
ހދ.އަތޮޅުގައި ޓްއަރިޒަމް ކުރިއެރުވުމުގެ ވައުދަކީ ކޮންމެ ސަރުކާރެއްގެ ވެސް ވައުދު ލިސްޓްގެ ކުރީގައި އޮންނަ ކަމެކެވެ. މިގޮތުން ފާއިތުވިދިޔަ ސަރުކާރުތަކުން ވަނީ ރިސޯޓްތައް ހެދުމަށް އެ އަތޮޅުން ބައެއް ރަށްތައް ވެސް ދޫކޮށްފައެވެ. ނަމަވެސް އެ މަސައްކަތް އޮތީ ކުރިއަށް ނުގޮހެވެ. ވުމާއިއެކު "ޓޫރިޒަމް ނެތް ހދ" ގެ ނަމުގައި ފާއިތުވި އަހަރުތަކުގައި ސޯސަލް މީޑިއާގައި އެ އަތޮޅުގެ ޒުވާނުން ވަނީ ބޮޑެތި ކެމްޕެއިންތައް ވެސް ކޮށްފައެވެ.
ހދ.އަތޮޅުގައި ފުރަތަމަ ހުޅުވާފައިވާ ރިސޯޓަކީ ހޮނޑާފުށި އައިލެންޑް ރިސޯޓުގައެވެ. އެ ރިސޯޓް ހުޅުވާފައި ވަނީ ހޮނޑާފުށީގައެވެ. ހަނިމާދޫ އެއާޕޯޓުން ހޮނޑާފުއްޓަށް ސްޕީޑް ބޯތެއްގައި އަށްވަރަކަށް މިނެޓުން ދެވޭނެއެވެ. މިހާރު ވެސް އެ ރިސޯޓް އަންނަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!