ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ރެއާލް މެޑްރިޑް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު އެއްވަރު ވެއްޖެއެވެ.

ރެއާލްގެ ދަނޑުގައި ރޭ ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު އެއްވަރުވެފައި ވަނީ 3-3 ގެ ނަތީޖާއިންނެވެ.

Ad
rt

ރޭ މެޗުގައި ސިޓީން ވަނީ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ. ޖެކް ގްރީލިޝްއަށް ޗުއަމެނީ ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭ ޖެހުމުން ބާނާޑޯ ސިލްވާ ވަނީ ލަނޑުޖަހައި ސިޓީއަށް މެޗުގެ ދެވަނަ މިނެޓުގައި ލީޑު ނަގައިދީފައެވެ. އެ ފައުލާއި ގުޅިގެން ޗުއަމެނީއަށް ރީނދޫ ކާޑު ދެއްކިއިރު، މި ކާޑާއިއެކު އޭނާ ވަނީ ދެވަނަ ލެގަށް ސަސްޕެންޑް ވެފައެވެ.

ރެއާލުން ނަތީޖާ ހަމަހަމަ ކުރި ލަނޑަކީ 12 ވަނަ މިނެޓުގައި ސިޓީގެ ޑިފެންޑަރ ރުބެން ޑިއާޒްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ. ސިޓީގެ އޭރިއާ ބޭރުން ކަމަވިންގާ ފޮނުވާލި ބާރުހަމަލާ ހުއްޓުވަން އުޅުމުގެ ތެރޭ ޑިއާޒްގެ ގައިގައި ޖެހިފައި މިސްރާބް ބަދަލުވެގެން ގޮސް އެބޯޅަ ވަނީ ގޯލުގެ ދުރު ކަނަށެވެ. އޭގެ ދެ މިނެޓް ފަހުން ވިނީސިއަސްއާއި ރޮޑްރިގޯ ގުޅިގެން އުފެއްދި ކައުންޓަ އެޓޭކެއްގައި ރޮޑްރިގޯ ވަނީ ލަނޑުޖަހައި ރެއާލަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ.

ފުރަތަމަ ހާފުގެ ބޮޑުބައި ސިޓީން ޑޮމިނޭޓް ކުރިނަމަވެސް ރެއާލުން ވަނީ ސިޓީއަށް ލަނޑުޖަހާނެ ފުރުސަތު ނުދީ ހިފަހައްޓާފައެވެ. ހާއްސަކޮށް ހާލަންޑް ހުއްޓުވުމުގައި ރެއާލްގެ ޑިފެންސްގައި ރުޑިގާއާއި ޗުއަމެނީގެ މޮޅު ކުޅުން ވަނީ ފެނިގެން ގޮސްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ސިޓީން ވަނީ ޓީމް ކުރިއަށް ޖައްސައި ރެއާލުގެ ފަހަތަށް ބާރު ބޮޑުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފޮޑެން ވަނީ 66 ވަނަ މިނެޓުގައި ލަނޑުޖަހައި ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ސްޓޯންސް ޖައްސާލި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ރެއާލުގެ އޭރިއާ ބޭރުގައި ހުރެ ފޮޑެން ވަނީ ގޯލުގެ މަތީކަނަށް ބޯޅަ ފޮނުވާލާފައެވެ. އޭގެ ފަސް މިނެޓް ފަހުން ސިޓީއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ގްވާޑިއޯލް އެވެ. ގްރީލިޝް ޖައްސާލި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ރެއާލުގެ އޭރިއާ ބޭރުގައި ހުރެ ގްވާޑިއޯލް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ރެއާލުން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްފައި ވަނީ 79 ވަނަ މިނެޓުގައި ވަލްވަޑޭ ޖެހި ހިތްގައިމު ލަނޑުންނެވެ. ވިނީސިއަސް ހުރަސްކުރި ބޯޅަ ވަލްވަޑޭ ވަނީ އެއްފަހަރުން ޖަހައި ސިޓީގެ ގޯލުގެ ދުރުކަނަށް ވައްދާލާފައެވެ.

މި ދެ ޓީމް ވާދަކުރާ ދެވަނަ ލެގުގެ މެޗު މި މަހު 17 ގައި ސިޓީގެ ދަނޑުގައި ކުޅޭނެއެވެ. އެ މެޗު ކާމިޔާބުކުރާ ޓީމަކަށް ސެމީ ފައިނަލުން ޖާގަ ލިބޭނެއެވެ.