ކެވިން ޑިބްރޭނާގެ މޮޅު ކުޅުމާއިއެކު މެންޗެސްޓާ ސިޓީން ކްރިސްޓަލް ޕެލަސް އަތުން މުހިންމު މޮޅެއް ހޯދައިފިއެވެ. ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ވަނީ 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ސިޓީން ވަނީ އެއްވަނާގައި އޮތް ލިވަޕޫލާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފައެވެ. ލިވަޕޫލް އެއްވަނާގައި އޮތި 30 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ 70 ޕޮއިންޓް ހަމަކޮށްފައި މިވަނީ ލިވަޕޫލަށްވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ.

Ad
rt

ސިޓީން މެޗު ފަށައިގެން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ތިންވަނަ މިނެޓުގައި ލަނޑުޖަހައި ލީޑް ނެގީ ޕެލަސް އިންނެވެ. މި ލަނޑު އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ޖަހައިދިނީ މަޓޭޓާއެވެ. ނަމަވެސް އޭގެ ތިން މިނެޓް ފަހުން ޑި ބްރޭނާ ވަނީ ލަނޑުޖަހައި ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. އޭގެ އިރުކޮޅެއް ފަހު ޑި ބްރޭނާ ވަނީ ހާލަންޑަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ތަނަވަސް ކޮށްދީފައެވެ. ހާލަންޑްގެ ހަމަލާގެ ހުރަހަކަށްވީ ޕެލަސްގެ ކީޕަރެވެ.

މެޗުގައި ސިޓީއަށް ފުރަތަމަ ފަހަރަށް ލީޑު ލިބުނީ 47 ވަނަ މިނެޓުގައި ރިކޯ ލެވިސް ޖަހައިދިން ލަނޑުންނެވެ. މެޗުގެ ތިންވަނަ ލަނޑު 66 ވަނަ މިނެޓުގައި ސިޓީއަށް ޖަހައިދިނީ ހާލަންޑެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ވެސް ޑި ބްރޭނާގެ އެހީތެރިކަމާއި އެކުއެވެ. އޭގެ ހަތަރު މިނެޓް ފަހުން ޑި ބްރޭނާ ވަނީ ސިޓީއަށް ހަތަރު ވަނަ ލަނޑު ޖަހައިދީފައެވެ. މެޗުގެ 86 ވަނަ މިނެޓުގައި ޕެލަސްއަށް ދެވަނަ ލަނޑު ޖަހައިދިނީ އެޑުއާޑް އެވެ.

ޕޮއިންޓް ތާވަލުގެ ތިންވަނާގައި މިވަގުތު އޮތީ އާސެނަލެވެ. އާސެނަލް މިރޭ ނުކުންނާނީ ބްރައިޓަން އާއި ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެއް ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުސަތު އާސެނަލަށް އެބައޮތެވެ.