އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް ރޭ އަނިޔާ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ އަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލިހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދެވެ.
ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރި މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އެކުލެވޭ ޓީމެއް އެރަށަށް މިއަދު ވަނީ ގޮސްފައެވެ. އޭގެ ތެރޭގައި ފުލުހުންނާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އަދި ޑިޕާޓްމަންޓް އޮފް ޖުވަނައިލް ޖަސްޓިސްގެ ޓީމެއް ހިމެނެއެވެ.
ރަސްދޫގައި މިކަން ހިނގާފައި ވަނީ ރޭ ތަރާވިސް ނަމާދު ގަޑީގައެވެ. ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ މީސްމީޑިއާގައި ރޭ ދައުރުވެފައިވާއިރު، ވީޑިއޯއެއްގައި ފެންނަނީ މިސްކިތެއްގެ ފާހާނާގެ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އެ ކުއްޖާގެ ގައިގައި އެހެން ކުދިންތަކެއް ގޮށްމުށުންނާއި ކޮޅުފައިން ޖަހައި އަނިޔާކޮށް ލާއިންސާނީ އަމަލު ހިންގަމުންދާ ތަނެވެ.
އެކަން ފެންމަތިވުމަށްފަހު ފުލުހުން ބުނެފައި ވަނީ، އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ކުދިން ދެނެގަނެވިފައިވާ ކަމަށެވެ. އެއީ 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިން ކަމަށް ވެސް ފުލުހުން ބުންޏެވެ. ހަމައެއާއެކު އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!