ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި ދަމަކް ބައްދަލުކުރި މެޗުން އަލް ނަސްރަށް އުނދަގޫ މޮޅެއް ހޯދުނުއިރު، އަލް ހިލާލުން ފަސޭހަކަމާއިއެކު ޚަލީޖް ކުލަބް ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ނަސްރުން މި މެޗު ފެށީ އެ ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ އެގާރާގައި ނުހިމަނައެވެ. ނަމަވެސް ދެވަނަ ހާފުގެ ވަކި ހިސާބަކުން އޭނާ ވަނީ ކުޅެން ނުކުމެފައެވެ. މި މެޗުގައި ނަސްރުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ލަނޑު ޖެހުމުގައި އެ ޓީމަށް ވަނީ އުނދަގޫތަކާއި ކުރިމަތިވެފައެވެ. މެޗުގައި ޖެހި ހަމައެކަނި ލަނޑު ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައި ޖަހައިދިނީ ލަޕޯޓްއެވެ.

Ad
rt

މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލް ހިލާލުން ރޭ ވެސް ވަނީ ފަސޭހަކަމާއިއެކު ޚަލީޖް ކްލަބް ބަލިކޮށްފައެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ހިލާލުން ކާމިޔާބު ކުރީ 4-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ހިލާލަށް ލަނޑުތައް ޖަހައިދިނީ އަލް ޝެހްރީ، މަލްކޮމްގެ އިތުރުން ހަމްދާންއެވެ. މަލްކޮން ވަނީ ދެ ލަނޑު ޖަހާފައެވެ. ޚަލީޖްގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ޝެރިފްއެވެ.

މި ނަތީޖާތަކާއިއެކި ލީގުގެ ތާވަލުގެ އެއްވަނާގައި 12 ޕޮއިންޓެގެ ލީޑަކާއިއެކު އޮތީ ހިލާލްއެވެ. އެ ޓީމަށް 27 މެޗުން 77 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް އަލް ނަސްރަށް ލިބިފައި ވަނީ 27 މެޗުން 65 ޕޮއިންޓެވެ.