އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ރޭ ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އެކުލެވޭ ޓީމެއް އެރަށަށް ހިނގައްޖެއެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން އެކްސްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް ވިދާޅުވެފައި ވަނީ އެ މައްސަލައާއި ގުޅިގެން ފުލުހުންނާއި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އަދި ޑިޕާޓްމަންޓް އޮފް ޖުވަނައިލް ޖަސްޓިސްގެ ޓީމެއް އެ ރަށަށް ގޮސްފައި ވާކަމަށެވެ.

Ad
rt

ރަސްދޫގައި މިކަން ހިނގާފައި ވަނީ ރޭ ތަރާވިސް ނަމާދު ގަޑީގަ އެވެ. ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ މީސްމީޑިއާގައި ރޭ ދައުރުވެފައިވާއިރު، ވީޑިއޯއެއްގައި ފެންނަނީ މިސްކިތެއްގެ ފާހާނާގެ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އެ ކުއްޖާގެ ގައިގައި އެހެން ކުދިންތަކެއް ގޮށްމުށުންނާއި ކޮޅުފައިން ޖަހައި އަނިޔާކޮށް ލާއިންސާނީ ޢަމަލު ހިންގަމުންދާތަނެވެ.

އެކަން ފެންމަތިވުމަށްފަހު ފުލުހުން ބުނެފައި ވަނީ، އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ކުދިން ދެނެގަނެވިފައިވާ ކަމަށެވެ. އެއީ 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެފަދަ މަންޒަރުތައް ފެންނަ ވީޑިއޯ މީސްމީޑިއާގައި ދައުރު ނުކުރުމަށް ވެސް ފުލުހުން ވަނީ ރޭ އިލްތިމާސް ކޮށްފައެވެ. ހަމައެއާއެކު އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

''ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ފުލުހުންގެސަމާލުކަމަށް އައިސްފައި. މިކަން ކުރިފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅުއެޅުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން. މިފަދަކަންކަން މުޖުތަމައުގައި ހިންގާފަރާތްތަކާއިމެދު އެޅެންއޮތް އެއްމެ ހަރުކަށި ފިޔަވަޅު އެޅިގެންދާކަން ޔަޤީންކުރާނަން.'' މިކަމާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާން އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފަވެއެވެ.