އެމްޕީއެލް އިން ބޯޓުފަހަރުން ނަގާ ސްޓީވްޑޯރިން ފީ ޑޮލަރުން ނަގަން ފަށައިފިއެވެ.

ސްޓީވްޑޯރިން ފީ އަކީ ވިޔަފާރި ބަނދަރުތަކުން ބޯޓުފަހަރުތަކުން، ކޮންޓެއިނާތައް އެރުވުމަށާއި ބޭލުމަށް އެ ބޯޓުތަކުގެ އޭޖެންޓުންގެ އަތުން ނަގާ ފީ އެކެވެ. މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ފީ ޑޮލަރުން ނަގަން ފަށާފައިވާއިރު 20 ފޫޓުގެ ކޮންޓެއިނާއަކުން ސްޓީވްޑޯރިން ފީގެ ގޮތުގައި ނަގަނީ 195 ޑޮލަރެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރަކުން ނަގަނީ 211 ޑޮލަރެވެ.

Ad
rt

މިއީ މީގެ 12 އަހަރު ކުރިން ވެސް އެމްޕީއެލް އިން ނަމުން އަންނަ ފީއެކެވެ. އެމްޕީއެލް އިން 2011 ވަނަ އަހަރާ ހަމައަށް އެޖެންޓުންގެ އަތުން ފީ ނަގަމުން ދިޔައީ ޑޮލަރުންނެވެ. ނަމަވެސް، އޭރު ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކާއެކު ރުފިޔާއިން އެ ފީ ނަގަން ފެށިއެވެ.

އެމްޕީއެލްގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މުއިއްޒު ވިދާޅުވީ، އަނެއްކާ ވެސް ޑޮލަރުން ފީ ނަގަން ނިންމީ، އެ ކުންފުނިން ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރަމުން އަންނައިރު ބޭރުން ބައެއް ތަކެތި ހޯދަން ޖެހޭ ހާލަތްތަކުގައި ޑޮލަރު ހޯދަން ދަތިތަކާ ކުރިމަތިވާތީ ކަމަށެވެ. މީގެ ކުރިން ޑޮލަރު ހޯދަނީ، ސަރުކާރު މެދުވެރިކޮށް ކަމަށާއި، އެހެން ނަމަވެސް އެކަމުގައި ދަތިތައް އެބަހުރި ކަމަށް ވިދާޅުވިއެވެ.

އެމްޕީއެލުން ފީ ޑޮލަރުން ނަގަން ފެށުމުޖް ކުންފުނީގެ ބޭނުންތަކަށް ބޭނުންވާ ޑޮލަރުގެ އިތުރުން ސަރުކާރަށް ވެސް ޑޮލަރު ފޯރުކޮށްދެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން، މި ފީ ޑޮލަރުން ނަގަން ފެށުމުން އެ ކުންފުންޏަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ޑޮލަރު ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މިހާރު ވެސް ޝިޕް އޭޖެންޓުން ވިޔަފާރިވެރިންގެ އަތުން ކޮންޓެއިނާ އުފުލުމަށް ނަގާ ފީ ނަގަނީ ޑޮލަރުން ކަމަށާއި، އެހެންވެ، ކަޅު ބާޒާރަށް ނުގޮސް، ޑޮލަރުން އެ ފައިސާ ދައްކަން ޖެހުމުން ޝިޕް އޭޖެންޓުންނަށް ވާނެ ގެއްލުމެއް ނެތް ކަމަށެވެ.