ޏ. ފުވައްމުލައް ސިޓީގައި މޫދަށް އެރި އުޅެނިކޮށް ފަތުރުވެރިއެއްގެ ޑްރޯން އާއި އަތް ދަބަސް ފޭރިގަތް މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެ ހާދިސާ އިއްޔެ ހިނގި ގޮތް ކިޔައި ދިން ފަތުރުވެރިޔާގެ ވީޑިއޯއެއް ސޯޝަލް މީޑީއާގައި ވަނީ އާންމުކޮށްފައެވެ.

Ad
rt

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހޯދާފައިވާ ކަމަށެވެ. އޭނާ ލަފާކުރަނީ އެއީ 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ކަމުގައެވެ.

އެ ވީޑިއޯގައި ފަތުރުވެރިޔާ ބުނީ އޭނާ ގޮނޑުދޮށުގައި ޑްރޯންއެއް އަރުވަން ހުއްޓާ ފުރާވަރުގެ ދެ ފިރިހެން ކުއްޖަކު އެ ތަނަށް ގޮސް އެ ޑްރޯންގެ އަގުގެ ވާހަކަ ދެއްކި ކަމަށެވެ. އެ ކުދިން ދިޔަ ފަހުން ޑްރޯން ތިރިކޮށްފައި އޭނާ މޫދަށް އެރުނީ ކަމަށް ވެސް އޭނާ ބުންޏެވެ. އޭރު ޑްރޯން އާއި ދެ ދަބަސް އޮންނާނީ އޭނާ ބުނި ގޮތުން ނަމަ، ތުވާލި ދަށުގައެވެ.

ތުވާލި ދަށުގައި އޮތް ޑްރޯން އާއި ބީޗުގައި ބަހައްޓާފައި ހުރި ދެ ދަބަސް ވެސް ނަގައިގެން ގެންގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެއް ދަބަހަކީ އަހަރެންގެ ތަކެތި އަޅައިގެން ގެންގުޅު ދަބަސް. އަނެއް ދަބަހަކީ އުނަގަނޑުގައި އަޅުވާލެވޭ ގޮތަށް އޮތް ކުޑަ ދަބަހެއް. އޭގައި އަހަރެންގެ ވޮލެޓް އާއި ކްރެޑިޓް ކާޑާއި ލިއުންތައް ފަދަ ތަކެތި ހުންނާނެ. އަހަންނަށް ހުރިހާ އެއްޗެއް ގެއްލިއްޖެ." އެމީހާ ބުންޏެވެ.

ފަތުރުވެރިޔާ ކިޔައި ދިން ގޮތުގައި ވޮލެޓުގައި ހުރި ފައިސާ މުހިންމެއް ނޫނެވެ. އެކަމަކު، ފޯނާއި އެހެނިހެން ތަކެތި ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ވޮލެޓުގައި އެކަނި ވެސް 200 ޑޮލަރާއި 350 ޑޮލަރު ކޭޝްކޮށް އަދި 1،500ރ. ހުންނާނެއެވެ.