ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވީ ރައީސް އޮފީހުން ކޮންމެ ދުވަހަކު ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ މިއަދުގެ ސެގްމަންޓުގައެވެ.

Ad
rt

މާލެ ސިޓީ، ވ.ފަޒީލާމަންޒިލް، އަޙުމަދު ޝިފާން ވަނީ ވިލިމާލެ ހޮސްޕިޓަލްގައި ދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވުން އެދި ރައީސަށް ދަންނަވާފައެވެ.

ޝިފާންގެ ވާހަކަ އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ، ވިލިމާލޭގެ ޞިއްޙީ ޚިދުމަތް ރަނގަޅުކުރުމަކީ މިސަރުކާރުން ވަރަށް އިސްކަންދޭ ސިޔާސަތެއްކަމަށެވެ. އަދި މިހާތަނަށް ހައްލުނުވެ އޮތް މިމުހިންމު މައްސަލަ ހައްލުކޮއްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އެމަސައްކަތް މިހާރު ހިނގަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޗައިނާގެ ހިލޭ އެހީގެ ދަށުން އެ މަސައްކަތް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި، މި މަސައްކަތުގެ ދަށުން މިހާރު ކުރިޔަށްދަނީ ޗައިނާގެ ކަމާބެހޭ އިދާރާގެ ބޭފުޅުންނާ މިސަރުކާރުގެ ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި، ހެލްތު މިނިސްޓްރީއާއި ގުޅިގެން ކުރިއަށްދާ ޓެކްނިކަލް މަސައްކަތްތައް ކަމަށެވެ. މިގޮތުން ވިލިމާލެ ޓާޝަރީ ހޮސްޕިޓަލްގެ ޑިޒައިނިންގ އާއި ޓެކްނިކަލް މަސައްކަތްތައް ކުރިއަށްދާކަމަށާއި، އެކަމަށް ބޭނުންވާ ބިންވެސް ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތް ނިމުނުހާ އަވަހަކަށް ދެން ފެންނާނީ ޢަމަލީގޮތުން ކަންކުރަން ބަޔަކު އައިސް މަސައްކަތް ފަށާތަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

‘’ވިލިމާލޭގަ އަޅުގަނޑު އިއުލާނުކޮއްފަ ވާނެ ސަތޭކަ އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅާނެ ވާހަކަ. އެހެންވީމަ އަޅުގަނޑު ޔަޤީންކަން މިދެނީ އިރާދަކުރެއްވިއްޔާ ވިލިމާލޭގަ ވިލިމާލެ ރައްޔިތުން ހިތްހަމަޖެހޭ ފެންވަރުގަ ޓާޝަރީ ހޮސްޕިޓަލެއް، ސަތޭކަ އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ވަރަށް އަވަހަށް ޤާއިމުކުރަން މަސައްކަތް ފަށާނަން’’ ރައީސް ވިދާޅުވެފަވެއެވެ.