ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ "އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445" ގައި އެޗްވައިއެމް ބްލެކް ފްލޭޝް އާއި ޓީމް އެފްއެފް ރޭ މޮޅުވެއްޖެއެވެ.
ހުޅުމާލެ ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި ބްލެކް ފްލޭޝް މޮޅުވީ 5-2 އިން ހުޅުމާލެ ހޮސްޕިޓަލް ބަލިކޮށްގެންނެވެ. ބްލެކް ފްލޭޝްގެ ލަނޑުތަކުގެ ތެރެއިން ރަމީޒް މުސްތަފާ (ރަންޓެ) އާއި މުހައްމަދު އިހުސާން ސައީދު (ލިއުބީ) ވަނީ ދެ ލަނޑު ޖަހައިފައެވެ. ބްލެކް ފްލޭޝްގެ އަނެއް ލަނޑު ޖެހީ މުހައްމަދު ހުސެއިން (މޯޑު)އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި ވަނީ ރަންޓެއެވެ.
ޓީމް އެފްއެފް ވަނީ 5-2 އިން ޓްރީ ޓޮޕް ހޮސްޕިޓަލް ބަލިކޮށްފައެވެ. މި ބައްޔާ އެކުގައި ޓްރީ ޓޮޕް ހޮސްޕިޓަލް ވަނީ މުބާރާތުން ކަޓައިފައެވެ.
ގްރޫޕް ސްޓޭޖްގައި ޓްރީ ޓޮޕް ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ޓީމް ވުލްފް އަތުން ވަނީ 3-3 އިން އެއްވަރުވެފައެވެ. ދެވަނަ މެޗުގައި އެޗްވައިއެމް ވެޓަރަންސް އަތުން ވަނީ 6-5 އިން ބަލިވެފައެވެ. ގްރޫޕް އޭގައި ހިމެނޭ ޓްރީ ޓޮޕަށް ލިބުނު އެއް ޕޮއިންޓާ އެކުގައި އެ ޓީމު އޮތީ ފުލުގައެވެ.
ޓްރީ ޓޮޕާއި ޓީމް އެފްއެފް ބައްދަލު ކުރި މެޗުގައި ޓީމު އެފްއެފްގެ ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި ހެޓްރިކް ހެދީ އަހުމަދު ސިރާޒެވެ. ޓީމް އެފްއެފްގެ އަނެއް ދެ ލަނޑު ޖެހީ ހުސެއިން ފަރުހާން (ފަރޭ) އަދި ބިޝާރު ހަސަން (ބިއްޓު)އެވެ. ޓްރީ ޓޮޕްގެ ލަނޑުތައް ޖެހީ އަބްދުﷲ ވިޝާމާއި އިބްރާހިމް ހައިޝަމްއެވެ.
މި ނަތީޖާ އާ އެކުގައި ގްރޫޕްގެ އެއްވަނައިގައި ދެ މެޗު ކުޅެގެން ހަތަރު ޕޮއިންޓާ އެކުގައި އޮތީ ޓީމް އެފްއެފްއެވެ. ދެވަނައިގައި އޮތީ އެއް މެޗު ކުޅެގެން ލިބުނު ތިން ޕޮއިންޓާއެކުގައި އެޗްވައިއެމް ވެޓަރަންސްއެވެ. ތިން ވަނައިގައި އޮތީ ދެ މެޗު ކުޅެގެން ލިބުނު ދެ ޕޮއިންޓާ އެކުގައި ޓީމް ވުލްފެވެ.
އެޗްވައިއެމް ފުޓްސަލް ޗެލެންޖުގައި ޓްރީ ޓޮޕް ހޮސްޕިޓަލާއި ޓީމް އެފްއެފް ބައްދަލު ކުރި މެޗު. --- ފޮޓޯ: ފޮޓޯ މޯލްޑިވްސް
ގްރޫޕް އޭގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ޓްރީ ޓޮޕް ފިޔަވައި ކޮންމެ ޓީމަކަށް ވެސް ސެމީ އަށް ދިއުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.
އެޗްވައިއެމް ފުޓްސަލް ޗެލެންޖްގައި މިރޭ ވެސް ފޯރިގަދަ ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިރޭ 22:15 ގައި ބައްދަލު ކުރާނީ ޓީމް އެފްއެފް އާއި އެޗްވައިއެމް ވެޓަރަންސްއެވެ. ދެވަނަ މެޗުގައި 23:15 ގައި ބައްދަލު ކުރާނީ އެޗްވައިއެމް ބްލެކް ފްލޭޝް އާއި އެޗްވައިއެމް ބުލް ޝާކްސްއެވެ.
އެޗްވައިއެމް ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ތިލަދުން"އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!