ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" ގެ ދެވަނަ ބުރަށް ބައިވެރިން ހިވައިފިއެވެ.
މުބާރާތުގެ ފުރަތަމަ ބުރުގެ ދެވަނަ ކިޔުން ރޭ ބާއްވާފައިވާއިރު، ރޭ ކުރިއަށް ގެންގޮސްފައި ވަނީ ހިތުން ކިޔުމުގެ ބައެވެ. ހުރިހާ ބައިވެރިން ކިޔަވާ ނިމުމުން ރޭ ޝޯގައި ވަނީ ފުރަތަމަ ބުރުގެ ނަތީޖާ ފާޅުކޮށް ދެވަނަ ބުރަށް ބައިވެރިން ހޮވާފައެވެ. މުބާރާތުގެ ދެވަނަ ބުރަށް ހޮވޭނީ ފުރަތަމަ ބުރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ 13 ބައިވެރިންނެވެ. ނަމަވެސް ޤަވައިދުގައި ފަނޑިޔާރުންނަށް ލިބިދޭ "ވައިލްޑް ކާޑް" ގެ ބާރުގެ ދަށުން ފަނޑިޔާރުން ވަނީ އެންމެ ރަނގަޅު ނަތީޖާ ހޯދި ތޭރަ ބައިވެރިންގެ ފަހަތުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ބައިވެރިންނަށް މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ދީފައެވެ. ވުމާއިއެކު މުބާރާތުގެ ދެވަނަ ބުރުގައި 15 ބައިވެރިން ވާދަ ކުރާނެއެވެ.
މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ހޯދި 15 ބައިވެރިން
- އާއިޝަތު ނީޝާން އާދަމް ނާފިޒު - އައިވީ ، ހއ. ދިއްދޫ
- އާމިނަތު ޝިއުރާ އިބްރާހީމް - ޝެހެނާވިލާ، ހއ. ދިއްދޫ
- ފާޠިމަތު ރިފްޢާ ރުޝްދީ - ނަޔާއަންދާޒްގެ، ހއ. ކެލާ
- މަރްޔަމް ހިބާ ހުސައިން - ވިގޯރަސް ، ހއ. ދިއްދޫ
- މަރްޔަމް ނާޔާ އަޙްމަދު - އަސްރިފާހައުސް، ހއ. ދިއްދޫ
- ޢާއިޝަތު ރައިނާ ރަޝީދު - މާމުތީގެ، ހއ. ދިއްދޫ
- ޢާއިޝަތު ރީޝް ނަސީމް - ވައްޓަރު، ހއ. ދިއްދޫ
- މަރްޔަމް އަޒާ ޢާދިލް - ޖީޒާ، ހއ. ދިއްދޫ
- ފާޠިމަތު ލުޖައިން އިބްރާހީމް - ހަވީރީފިނި ، ހއ. ދިއްދޫ
- ޢަބްދުﷲ ޒައިން ބިން މުޙައްމަދު - ޝެހެނާއީ، ހއ. ދިއްދޫ
- ޢަލީ ޒައުލް ޒިޔާއު - އިތާ، ހއ. ކެލާ
- ޢުލްޔާ އިބްރާހީމް ޝަރީފް - ލަކީސްޓާރ، ހއ. ދިއްދޫ
- ޔޫލީ މުޙައްމަދު ލަޠީފް - ޒުރިޔާނުގެ، ހއ. ދިއްދޫ
- ޔަޢިޝާ ޔާސިރު އިބްރާހީމް - ދޭލިޔާގެ، ހއ. އިހަވަންދޫ
- އިސްމާޢީލް މަޙްފޫޒު - ފެންފިޔާޒްގެ، ހއ. ކެލާ
މުބާރާތުގެ ފުރަތަމަ ބުރުން ވަކިވިގެންދިޔަ ބައިވެރިން
- އާމިނަތު ޝާޔާ މުޙައްމަދު ޝާހިދު - މާގަލަ، ހއ. ދިއްދޫ
- ނިލާމާ ރަޝީދާ - އޭޝިޔާ، ހއ. ދިއްދޫ
- އާމިނަތު އިޝާދާ އަޙްމަދު - އަސްރަފީގެ، ހއ. ދިއްދޫ
- ޢާއިޝަތު އަސްވާ އަޙްމަދު - އަސްރަފީގެ، ހއ. ދިއްދޫ
- ޢީޝާ އަޙްމަދު ސިޔާމް - ގުލްދަމްގެ، ހއ. ތުރާކުނު
މުބާރާތުގެ ދެވަނަ ބުރުގެ ކިޔެވުން އޮންނާނީ މި މަހުގެ 21 އަދި 22 ގައެވެ. ދެވަނަ ބުރުގެ ފުރަތަމަ ރޭގައި 15 ބައިވެރިން ކިޔަވާނެއެވެ. ދެވަނަ ބުރުގެ ދެވަނަރޭން ފުރުސަތު ލިބޭނީ، ފުރަތަމަ ރޭގެ ޝޯގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ 10 ބައިވެރިންނަށެވެ. ދެވަނަރޭގެ ކިޔެވުމަށް ފަހު އެ ރޭ ވެސް ނަތީޖާ ފާޅުކުރާނެއެވެ. ފައިނަލުން ޖާގަ ލިބޭނީ އެ ރޭގެ ޝޯގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ބައިވެރިންނަށެވެ. މުބާރާތުގެ ފައިނަލް ކުރިއަށް ގެންދަން ރާވާފައި ވަނީ ދެ ދުވަހަކަށް ބަހާލައިގެންނެވެ. ފައިނަލްގެ ފުރަތަމަ ކިޔެވުން މާޗް 28 ވަނަ ދުވަހުގެ ރޭ ބާއްވާއިރު، ގްރޭން ފިނާލޭ އޮންނާނީ ޖެހިގެން އަންނަ ރެއެވެ.
މި މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ވަނީ ތިން އުމްރާ ދަތުރު ދިނުމަށް ނިންމާފައެވެ. އަދި މީގެ އިތުރުން ވެސް ގިނަ ވަނަތަކެއް ހޮވައި އަގުހުރި އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އަތޮޅުގައި އުފެއްދުމާއި ޤުރުއާން އުނގެނުމާއި އުނގައްނައި ދިނުމާއި ތަރުތީލުކޮށް ކިޔެވުމުގެ ގާބިލްކަން އުފެދޭނޭފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހް ރަށަގެންނެވުމުގެ އިތުރުން ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމެވެ. އެ އަތޮޅުގައި ހާފިޒުން އުފެއްދުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުންލިބޭ ޤުރުއާން މުބާރާތްތަކުގައި އެ އަތޮޅު ތަމްސީލްކުރާނޭ ދަރިންތަކެއް ތައްޔާރު ކުރުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދެކެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުންއެވެ. މުބާރާތުގެ އެންމެ ތާޒާ ހަބަރުތައް "ތިލަދުން" އިން ގެނެސްދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!