ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ށ.ފޯކައިދޫގައި ދަރުސް ދެއްވުމަށް މިދިޔަ ބުރާސްފަތި ދުވަހު އެ ރަށަށް ވަޑައިގެން ދީނީ އިލްމުވެރިންނަށް، އެ ރަށުގެ ވަރަށް ގިނަބަޔަކު ނުކުމެ ކީ ރަތްދޫލައިގެ މަރުހަބާ ގިނަބައެއްގެ ސަމާލުކަމަށް އަތުވެއްޖެއެވެ.
ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ދަރުސް ދެއްވުމަށް އެ ރަށަށް ވަޑައިގެންފައި ވަނީ ދެ އިލްމުވެރިއެކެވެ. އެ އިލްމުވެރިންނަކީ ފޯކައިދުއަށް ނިސްބަތްވެ ވަޑައިގަންނަވާ ދީނީ އިލްމުވެރިޔާ ޝެއިހް އަހުމަދު ސަމީރާއި ލެންޓާން ޖަމިއްޔާގެ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ރާފިއުއެވެ.
ބުރާސްފަތި ދުވަހުގެ މެންދުރުކުރީ ހޫނު ވަގުތެއްގައި އެ ދެ އިލްމުވެރިން އެ ރަށަށް ވަޑައިގެން ނަމަވެސް އެ ރަށުގެ ވަރަށް ގިނަބަޔަކު ނުކުމެ އޮތީ ބަނދަރު ސަރަހައްދުގައި ކިއު ދަމާލާފައެވެ. އާންމުކޮށް މަރުހަބާ ކިޔުމަށް މިފަދަ ދިގު ކިއުތައް ފެނިގެންދަނީ ރަށްރަށަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސިޔާސީ މީހުން ވަޑައިގަންނަވާއިރުއެވެ.
ދަރުސް އަޑުއަހަން ފޯކައިދޫ ރައްޔިތުން ހާޒިރުވެފައި، ފޮޓޯ: ފޯކައިދޫ ކައުންސިލް
އެ ރަށުން މި ނޫހާއި ވާހަކަ ދެއްކި މީހަކު ބުނީ ދީނީ އިލްމުވެރިންނަށް މަރުހަބާ ކިޔުމުގައި ފޯކައިދޫއަކީ އަބަދުވެސް ނަމޫނާ ރަށެއް ކަމަށާއި ނަމަވެސް މިއީ މިހާތަނަށް ދީނީ އިލްމުވެރިންނަށް މަރުހަބާ ކިޔުމަށް އެންމެ ގިނަ މީހުން ނުކުތް ފަހަރު ކަމަށެވެ.
ފޯކައިދޫ ޕޮލިސް ސްޓޭޝަނާއި އެ ރަށު ކައުންސިލާއި މުއައްސަސާތަކާއި ޖަމިއްޔާތަކާއި، އެ އަތޮޅު ކައުންސިލާއި ޑަބްލިޔު.ޑީ.ސީއާއި އާއްމު ބައެއް ފަރާތްތައް ގުޅިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ "ރަހުމަތުގެ މޫސުން" މި މައުލޫއަށް އެ ރަށުގައި ވަނީ ދަރުސް ބާއްވާފައެވެ. އެ ދަރުސްއަށް ވަނީ ވަރަށް ގިނަބަޔަކު ހާޒިރުވެފައެވެ.
ދަރުސް އަޑުއަހަން ފޯކައިދޫ ރައްޔިތުން ހާޒިރުވެފައި، ފޮޓޯ: ފޯކައިދޫ ކައުންސިލް
ފޯކައިދޫއިން ވާހަކަ ދެއްކި މީހާ އިތުރަށް ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށު ފުޓްބޯޅަ ދަނޑު ސަރަހައްދުގައި ބޭއްވި ދަރުހަށް، އެ ސަރަހައްދުގައި 800 ގޮޑި ޖެހިކަމަށާއި، އެ ގޮނޑިތައް ފުރިގެން އެ ސަރަހައްދުގައި ބައެއް މީހުން ކޮޅަށް ވެސް ތިބިކަމަށެވެ. މިއީ ފަހުގެ ތާރީހެއްގައި އެ ރަށުގައި ބޭއްވުނު ދަރުހެއް އަޑުއަހަން އެންމެ ގިނަ މީހުން ހާޒިރުވީ ފަހަރުކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
އޭނާ އިތުރަށް ބުނީ އިލްމުވެރިންނަކީ މުޖުތަމައުގައި އިހްތިރާމް ލިބިފައިވާ ބައެއް ކަމަށާއި އެ ހައްގު އިހްތިރާމް ދިނުމަކީ ދިރުވަން ޖެހޭ އާދައެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!