ހދ.އަތޮޅުގެ ހުރިހާ ރަށަކަށް މަންފާވާގޮތަށް އެ އަތޮޅު ފަރިދޫ ތަރައްގީ ކުރުމަށް އެ އަތޮޅު ކައުންސިލުން ނިންމައިފިއެވެ.
ހދ.އަތޮޅު ކައުންސިލުން، ހުރިހާ ރަށެއް ޝާމިލުވާގޮތަށް ފަތުރުވެރިކަމުގެ ބޭނުމަށް ފަރިދޫ ތަރައްގީ ކުރުމަށް ފާސްކޮށްފައި ވަނީ އެ ކައުންސިލުގެ 127 ވަނަ އާންމު ބައްދަލުވުމުގައެވެ.
އަތޮޅު ކައުންސިލުތަކާއި ރަށުކައުންސިލްތަކުގެ އިހްތިސޯސްގެ ތެރޭގައި ފަޅުރަށްތައް ހިމަނައި އެ ރަށްތަކުން ނަފާ ހޯދުމުގެ ފުރުސަތު ސީދާ ކައުންސިލަށް ދޫކޮށްލުމަކީ ސަރުކާރުގެ އަމާޒެކެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ހދ.އަތޮޅު ކައުންސިލުގެ ނައިބް ރައީސް އަބްދުލްސައްތާރު ހަސަން ބުނީ އެ އަތޮޅު ކައުންސިލުގެ އިހްތިސޯސްތެރޭ ހިމަނަން ނިންމާފައިވާ ފަރިދޫ، އެ އަތޮޅުގެ ހުރިހާ ރަށަކަށް މަންފާ ލިބޭނޭހެން ތަރައްގީ ކުރުމަށް ނިންމި ނިންމުމުގެ ދަށުން ކޮންމެ ރަށަކަށް ވެސް އެ ރަށުން ކަނޑައެޅޭ ބައެއް ތަރައްގީ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، އޭރުން އެތަން މާކެޓްކުރުމާއި ތަރައްގީ ކުރުން އޮންނާނީ ކައުންސިލުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށާއި، އަދި އެތަނުން ލިބޭ މާންފާ ސީދާ ލިބިގެންދާނީ ސީދާ ރަށު ކައުންސިލަށް ކަމަށެވެ.
ސައްތާރު އިތުރަށް ބުނީ މިކަންކަމާއި ގުޅޭ އުސޫލްތައް އެކުލަވާލައި ކަންކަން ފައިނަލް ވެގެން އަންނައިރު ބައެއް ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އަދި މިއީ ކައުންސިލްތަކުގެ ފުދުންތެރިކަން އިތުރުވެގެން އައުމަށް ކޮށޭ ފަހި މަގެއްކަން ސައްތާރު ވަނީ ފާހަގަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!