އުތުރުގެ ވިޔަފާރީގެ މައި މަރުކަޒަކަށް ކުޅުދުއްފުށި ސިޓީ ވެގެންދާނެކަމަށް ފޮރިންމިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދުވަނީ ކުޅުދުއްފުށި މިއަދުން ފެށިގެން ސިޓީއަކަށް ބަދަލުވުމާއި ގުޅިގެން އެ ރަށުގެ ރައްޔިތުންނަށް މަރުހަބާ ފޮނުއްވާ، ޓްވީޓު ކުރައްވާފައެވެ.

Ad
rt

އެޓުވީޓުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ސިޓީއެއްގެ ދަރަޖައިގައި، ރައީސް ސޯލިހުގެ ސަރުކާރުގައި އުތުރުގެ ވިޔަފާރީގެ މައި މަރުކަޒަކަށް ކުޅުދުއްފުށި ސިޓީ ވެގެންދާނެ ކަމަށެވެ.

ލާމަރުކަޒީ ނިޒާމް އޭގެ އެންމެ ފުރިހަމަ ގޮތުގައި މި ސަރުކާރުން ދާނީ ހިންގަމުން ކަމަށް މިނިސްޓަރު ޝާހިދުގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައި ވެއެވެ.

ކުޅުދުއްފުއްޓަކީ މިހާރުވެސް އުތުރުގެ އިޤްތިޞާދުގެ މައި ދޮރާއްޓެވެ. އުތުރުން އެއް ރަށަކުން ޚިދުމަތް އެންމެ ގިނައިން ލިބެން ހުރި ރަށަކީ ކުޅުދުއް ފުއްޓެވެ. ކުޅުދުއްފުށީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިންގައެވެ. އުތުރުގެ ހއ. ހދ. އަދި ށ. އަތޮޅުގެ އެތައް ރަށަކުން ކުޅުދުއްފުށީގެ ބާޒާރުން ގަނޑުކޮށް މުދާ ނަގައިގެން އެރަށްތަކުގައި ވިއްކައެވެ. އަދި އެރަށްތަކުގެ އަމިއްލަ އުފެއްދުންތައް ކުޅުދުއްފުށްޓަށް ގެންގޮސް ވިއްކައެވެ.

ކުޅުދުއްފުށީގައި އުތުރުގެ ތިން އަތޮޅުގެ މީހުން ޚިދުމަތް ލިބިގަންނަ ހޮސްޕިޓަލު ހުރުމުގެ އިތުރުން އެތައް އާންމު މުހިންމު ޚިދުމަތްތަކެއް ލިބެން ހުރުމުން އުތުރުގެ ތިން އަތޮޅުން ގިނަ އަދަދެއްގެ ބަޔަކު ކުޅުދުއް ފުއްޓަށް ޒިޔާރަތް ކުރެއެވެ.

ޒަމާނީ ކަނޑު ދަތުރު ކުރުމުގެ ޚިދުމަތާއި، މުދާ އުފުލާ ބޮޑެތި ބޯޓު ފަހަރުތައް ހުރުމާއި، ވައިގެ ބަނދަރުގެ ޚިދުމަތާއި، ޕޯޓުގެ ޚިދުމަތާއި، އެސްޓީއޯގެ މުދާ ލިބޭނޭ އިންތިޒާމު ހުރުމާއި، އަމިއްލަ ވަންތަ ބޮޑެތި ވިޔަފާރިތައް ހުރުމާއި، އަމިއްލަ އުފެއްދުންތެރިކަން ހުރުމާއި މިފަދަ އެތައް ޚިދުމަތްތައް ލިބެން ހުރުމީ ކުޅުދުއްދުށި އުތުރުގެ އިޤްތިޞާސުގެ ތަނބަށްވީ ސަބަބުތަކެވެ.

ކުޅުދުއްފުށި، ސިޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އެ ރަށުގެ ރައްޔިތުން އެ ރަށް ސިޓީއަކަށް ބަދަލުކުރުން ލަސްވެގެންދާތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީ ކައުންސިލަށް ހަތް މެންބަރުން އިންތިހާބުކުރާނެއެވެ. އެއީ މޭޔަރާއެކު ހަ ކައުންސިލަރުންނެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާ ހާއްސަ ކުރަނީ އަންހެނުންނަށް ކަމަށް ރޭގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.