ސްޓާފެއްގެ ބޮލަށް 6.50 ޑޮލަރު ދައްކަން މަޖުބޫރު ކުރުވާސިޓީއެއް ނުދޭނެކަމަށާއި، އަސްލު މައްސަލައަކީ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އަދި ލޭބަރ ޕާޓީން އެސިޓީ ހޯދުމަށް ކުރާ މަސައްކަތަށް އިޖާބަނުދެއްވުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަލީ ވަހީދު މިރޭ ޓުވީޓެއް ކުރައްވައި ވިދާޅުވީ ޓީމުން އޭނާއަށް އިންޒާރުތަކެއް ދެމުންދާ ކަމަށާއި، އަސްލު މައްސަލައަކަށް ވެގެން އުޅެނީ ކޮންމެ ރިސޯޓެއްގެ މެނޭޖްމެންޓުން ޓީމަށް ނުވަތަ ލޭބާ ޕާޓީއަށް ސްޓާފެއްގެ ބޮލަށް 6.50 ޑޮލަރު ދައްކަން މަޖުބޫރު ކުރުވާ ސިޓީއެއް އޭނާ ނުދެއްވައިގެން ކަމަށެވެ.

Ad
rt

މިނިސްޓަރުގެ އެވާހަކައިން ދޭހަވަނީ ޓީމުން ސްޓާފެއްގެ ބޮލަށް ވަކި އަދަދެއްގެ ފައިސާ ދެއްކުމަށް މިނިސްޓަރު ރިސޯޓުތަކަށް އަންގަން ސިޓީ ހޯދަން ޓީމުން މިނިސްޓަރަށް މަޖުބޫރު ކުރަމުން ދާ ކަމަށެވެ.

މިޓުވީޓަށް ރައްދު ދެއްވައި އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެފައި ވަނީ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އަށް ދިވެހި ރައްޔިތުން ދައްކަން ޖެހޭނެ އަގެއް ނޯންނާނެ ކަމަށެވެ.

ސާވިސް ޗާޖާއި އޮޑިޓުން މައްސަލަ ފާހަގަވި ރިސޯޓުތަކަށް ޑިއު ޕްރޮސެސް ފޮލޯކޮށް ފިޔަވަޅު އަޅާނެކަމަށް އެޓުވޯޓުގައި މިނިސްޓަރު އަލީ ވަހީދު އިތުރަށް ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން އަލީ ވަހީދު ކުރެއްވި އެހެން ޓުވީޓެއްގައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި އަދި ބޭރު މުވައްޒަފުންނަށް ބިރު ދެއްކުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިވީ އެއް އަހަރު ކުރި މަސައްކަތް އޮޅުވާ ނުލެވޭނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ނިމިދިޔަ ހަފްތާގައި ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ އިންޑަސްޓްރީގެ ކީ ކުންފުނިތަކުން ސާވިސްޗާޖުގެ ގޮތުގައި ދޭ އަދަދު ރަނގަޅު ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ގިނަ ރިސޯޓުތަކުގެ ސާވިސްޗާޖު ދޭ ގޮތް ފެންނަން އެބައޮތް ކަމަށެވެ.

ނަމަވެސް މިނިސްޓަރުގެ އެ ވާހަކަފުޅަށް ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. އެއާ އެކު މިނިސްޓަރު ފަހުން ވިދާޅުވީ އެ މަނިކުފާނު ދެއްކެވި ވާހަކަފުޅު ބަޔަކަށް އޮޅޭ ނަމަ އެކަމަށް މައާފަށް އެދޭ ކަމަށެވެ.