ރޯދައިގެ ފަހުން އިންތިޚާބު ބާއްވާ ބިލު ރައީސް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސް ތަޞްދީޤުކުރެއްވީ ދައުލަތުގެ ބަންޑާރަ ނާއިބު ލަފާދެއްވުމާއި ގުޅިގެން ނެވެ.
ރައީސް މި ބިލު މިއަދު ތަސްދީގުކުރައްވާފައިވާއިރު، ރޯދަމަހު މި އިންތިޚާބު ބޭއްވުމަކީ ބޭނުންފުޅުވެވަޑައިގަންނަވާކަމެއް ނޫންކަމަށާ، އިންތިޚާބު ރޯދައިގެކުރީން ބޭއްވުމަށް މީގެކުރީންވެސް އެދިވަޑައިގެންފައިވާނެކަމުގައި މިއަދު ކެނދިކުޅުދޫގައި ވާހަކަފުޅު ދައްކަވަމުން ވަނީ ވިދާޅުވެފައެވެ.
މި ބިލަކީ، 11 ފެބްރުއަރީ 2024 ވީ އާދީއްތަދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކުރައްވައި، 12 ފެބްރުއަރީ 2024 ގައި ތަޞްދީޤުކުރުމަށް ފުރަތަމަ ފޮނުއްވާފައިވާ ބިލެކެވެ.
ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން ރައީސް މި ބިލު އަނބުރާ ފޮނުއްވާލެއްވީ 26 ފެބްރުއަރީ 2024 ގައެވެ.
އެ ބިލު މަޖިލީހުން އަލުން ފާސްކުރީ އިއްޔެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ ރޯދަ މަސް ނިމި، 10 ދުވަސް ފަހުން އިންތިޚާބު ބޭއްވޭ ގޮތަށް ހިމަނައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!