ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނަމުން އައި ގޮތާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން ގަވައިދަށް ބަދަލު ގެނައި ފަހުން މަޖިލިހުން ފާސްކުރި ކަންކަމާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދެއްވާނީ ގައުމީ މަސްލަހަތު އިސްކުރައްވައިގެން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
އުޝާމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާގެ ގާނޫނީ ރައުޔަކީ މަޖިލީހުން މެމްބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަަށް ކަނޑައެޅި ކަނޑައެޅުން ގާނޫނުއަސާސީއާ ހިލާފު ކަމެވެ. އަދި ސުޕްރީމް ކޯޓުން ވެސް އެގޮތަށް ނިންމިކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އުޝާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަށް އެ މަޖިލީހުން ނިންމި ނިންމުން ގާނޫނުއަސާސީއާ ހިލާފުކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާ ގުޅިގެން، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލީހުން ނިންމާފައިވާ ނިންމުންތަކާއި މެދު ގާނޫނީ ގޮތުން ސުވާލު އުފެދިފައިވާތީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ ފަސް ވަނަ އިސްލާހު ތަސްދީގުކުރުމާ ގުޅޭގޮތުން ގާނޫނީ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާކަން ފާހަގަކުރައްވާ އުޝާމް ވިދާޅުވީ އެކަމާ ގުޅޭގޮތުން މިއަދު ރައީސް ޑރ. މުއިއްޒަށް ލަފާ އަރުއްވާނެ ކަމަށެވެ.
"ދައުލަތުގެ ބާރުތަކުގެ މެދުގައި އަބަދު އަރާރުންވުމަކީ ރަނގަޅު ކަމެއް ނޫން. ހުރިހާ ފަރާތްތަކުން ވެސް ކަންކަން ނިންމަންވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން. އަޅުގަނޑު ރައީސަށް ގާނޫނީ ލަދާ ދިނުމުގައި ވެސް ބަލާނީ މި ކަންކަމަށް،" އުޝާމް ވިދާޅުވި އެވެ.
ސަރުކާރުން މި މައްސަލަ ކޯޓަށް ހުށަހެޅީ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނާ އަދަދު 87 އިން 80 އަށް ތިރިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ގާނޫނު އަސާސީގައި ވަކި ކަންކަން ނިންމަން އެކި އަދަދުތަކުގެ އަގުލަބިއްޔަތު ހިމަނާފައި ވަނީ އުސޫލީ ބޮޑެތި ކަންކަން މަދު ބަޔަކު ތިބެގެން ނިންމުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ.
ހުސް ގޮނޑިތައް އެއީ ނެތް ދާއިރާތައް ކަމަށް ބަލާނަމަ، އެ ކަން ވާނީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އެ ހިމާޔަތުގެ ފަށަލަ ތުނިވގެން ދާނެ ކަމެއް،" ހުކުމުގައިވެ އެވެ.
އެހެންނަމަވެސް، ޖުމުލަ މެންބަރުން ގުނާ ގޮތް ބަދަލުކޮށް ރައްޔިތުންގެ މަޖިލީހަށް ގެނައި ގަވާއިދުގެ މާއްދާތައް އެ މަޖިލީހުން މިހާރު ބާތިލުކޮށްފައިވާތީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަށް ގާނޫނީ ހައްލެއް އެ ކޯޓުން ހޯދައިދެވެން ނެތް ކަމަށް ކޯޓުން ކަނޑައެޅި އެވެ.
ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅި މި ދުސްތޫރީ މައްސާލަގައި ސަރުކާރުން އެދިގެން، ސުޕްރީމް ކޯޓުން ވަނީ މަޖިލީހުގެ ގަވާއިދުގެ މާއްދާތަަކަށް ގެނައި ބަދަލަށް އަމަލުކުރުން ހުއްޓުވާފަ އެވެ. އެހެން ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އެ އަމުރަށް އަމަލުނުކުރަން ފާސްކޮށްފަ އެވެ.
ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅިއިރު އަދަދު ގުނާނީ އެ ވަގުތެއްގައި ދެމިތިބި މެންބަރުން ގޮތަށް އޮތް ނަމަވެސް މައްސަލަ ހުށަހެޅި ފަހުން ވެސް މަޖިލީހުން ބަދަލެއް ގެނަ އެވެ. ފަހުން ގެނައި ބަދަލަކީ އެ ގޮތަށް އަދަދު ގުނާނީ ދެން އޮންނަ މަޖިލިސް އިންތިހާބާ ދެމެދު ހަ މަހަށް ވުރެ ކުރު މުއްދަތަކަށް ވުމުންނެވެ. ގާނޫނު އަސާސީގައި ވެސް އެ މުއްދަތުގައި ގޮނޑިއެއް ހުސްވިޔަސް ބައި-އިލެކްޝަން ނުބާއްވަން އޮވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!