އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓުބިލު ޑޮމެސްޓިކް ރޭޓުގައި ދައްކާގޮތަށް ލުއިދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ރައީސް މިކަން އިއުލާން ކުރެއްވީ ރޭ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

Ad
rt

ރައީސް ވިދާޅުވީ މާލެސިޓީއާއި އެހެން ހުރިހާ ސިޓީތަކާއި ރަށްތައް ހިމެނޭހެން އެ ބަދަލުގެންނެވީ ކައުންސިލުތަކަށް މިހާރު ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ މަދު ފައިސާކޮޅުން ކަރަންޓު ބިލަށް ކުރަންޖެހޭ ބޮޑު ޚަރަދަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުން ކަމަށެވެ. އަދި ކައުންސިލުތަކަށް ކަންކަން ފަހިކޮށްދީގެން ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދެވޭނެ ކަމަަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ބަދަލާއެކު ފެނަކަ އާއި ސްޓެލްކޯއަށް މަދުވާ އާމްދަނީ އެހެން އުސޫލަކުން ހޯދޭނެ ގޮތެއް ފަހި ކޮށްދެއްވާނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ކުރިއަށްއޮތް އަހަރުތަކުގައި އިގުތިސާދު ވަރުގަވަމުންދާ ވަރަކުން މަގުބައްތިތައް ދިއްލުމާއި، ޕާކްތައް އަދި އާންމު މައިދާންތަކުގެ ކަރަންޓަށް ނަގާ ރޭޓުވެސް "ގަވަމަންޓު ރޭޓް"ގެ ބަދަލުގައި ޑޮމެސްޓިކް ރޭޓަށް ބަދަލުކޮށްދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ގެންގުޅޭ ސަރަހައްދީ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އުތުރުގެ ހަތަރު އަތޮޅު ތަރައްޤީގެ ޒޯނެއްގެ ގޮތުގައި ކުރިއަށް ގެންދާއިރު ކުޅުދުއްފުށި ސިޓީވާނީ އުތުރު ތަރައްގީގެ މައި ހަބުގެ ގޮތުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.