އުތުރުގެ ހަތަރު އަތޮޅު ( ހއ، ހދ، ށ އަދި ނ އަތޮޅު) ތަރައްޤީކުރެވިގެންދާނީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުގައި މިއަދު ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުވާނެ ގޮތަކީ ރާއްޖޭގެ އެކި ސަރަހައްދުތައް ޕްލޭންކޮށް، ސަރަހައްދީ ތަރައްޤީ ގެނެސްގެންނެވެ. އަދި އުތުރުގެ ހަތަރު އަތޮޅު ތަރައްޤީކުރެވިގެންދާނީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި އުތުރުގެ ހަތަރު އަތޮޅު ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި ތަރައްޤީކުރާއިރު ދެކުނުގެ 4 އަތޮޅުވެސް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ބަލައިގެން ތަރައްޤީކުރައްވަން ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން މެދުރާއްޖެ ތެރޭގައި 7 ސަރަހައްދެއް އަރބަން ސެންޓަރުތަކެއްގެ ގޮތުގައި ތަރައްޤީކުރައްވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.